ރާއްޖެއައި ދެ މީހެއްގެ އަތުން 40 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، އެ ދެ މީހުން އަތުލައިގަތް ފަހުން މަސްތުވާތަކެތި ހުރި އެ މީހުންގެ ލަގެޖުތައް ގެއްލުމަކީ ތަންފީޒީ އިދާރާތަކުގެ އިހްމާލު އެކަމުގައި އޮތް ކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ގެއްލުނު ލަގެޖަކީ ރާއްޖެ އައި ޕާކިސްތާނަށް ނިސްބަތްވާ މީހެއްގެ ލަގެޖެކެވެ. އަދި އޭނާގެ ލަގެޖުގައި ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތުކުރެވެ އެވެ. މި މައްސަލައިގައި ޝާމިލުވާ މީހާ ކަސްޓަމްސް އިން ވަނީ ޖެނުއަރީ އަށްވަނަ ދުވަހު ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ހެކި ނެތުމުގެ ސަބަބުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އަދި އިއްޔެ ރާއްޖެއައި މީހެއްގެ އަތުން 16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް، އަތުލައިގަތް ފަހުން މީހާ އަދި ލަގެޖު ވެސް ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލަ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ނާޒިމު ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެ މައި އެއާޕޯޓުގައި ހުއްޓާ، ގެއްލިގެން ނުވާނެ ކަމަށެވެ.
"މިކަމަށް ޖަވާބުދާރީވެ ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ. ޒުވާން ޖީލެއް މަސްތުގެ ވަބާގައި ނެތިދަނީ،" ކުރިން ޑިފެންސް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ނާޒިމު ވިދާޅުވި އެވެ.
މި މައްސަލަ އާއި ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށެވެ. އަދި މި މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި މައްސަލައާއި ގުޅިގެން އަވަސް އިން މީގެ ކުރިން ސުވާލުކުރުމުން ކަސްޓަމްސް އިން ވަނީ މި މައުލޫމާތު ދޮގު ކޮށްފަ އެވެ. އަދި މަސްތުވާތަކެއްޗާއި އެކު އަތުލައިގަންނަ މީހުންނާއި މަސްތުވާތަކެތިވެސް އެ އިދާރާއިން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހަވާލުކުރަމުން އަންނަ ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް އަވަސް އަށް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެ އަންނަ އެއްވެސް މީހެއްގެ ލަގެޖް ގެއްލި މައްސަލައެއް ޖެހިއްޖެނަމަ، އެ މައްސަލައިގެ ތަފްސީލް އެނގިވަޑައިގަންނަވާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް އަވަސް އަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. ގެއްލުނު ކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ލަގެޖު ގެއްލުމުން ހެކި ނެތް ކަމަށް ބުނެ ފުލުހުން ވަނީ ހައްޔަރުކުރެވުނު މީހާވެސް ދޫކޮށްލާފަ އެވެ.