މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ހުރި ޕާކިސްތާނު މީހާ ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ނެތުމާއިއެކު ދޫކޮށްލައިފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ޕާކިސްތާނުން ރާއްޖެއައި މި މީހާ ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ މި މަހުގެ އަށްވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ރާއްޖެއައި އިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އެ މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިގޮތުން ގެއްލުނު ލަގެޖް ހޯދުމަށްޓަކައި އެއާޕޯޓުގެ ސީސީޓީވީ ފުޓެޖް ފުލުހުން ވަނީ ބަލާފަ އެވެ. އެކަމަކު އެ ފުޓޭޖުން ވެސް އޭނާގެ ލަގެޖް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެއާޕޯޓުގެ ބައެއް މުހިއްމު ތަންތާގައި ސީސީޓީވީ ކެމެރާ ނެތްކަން ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނައިރު، ހައްޔަރުކުރި މީހާއާއި މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ފަދަ ހެއްކެއް ނެތުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލައާއި ގުޅިގެން އަވަސް އިން މީގެ ކުރިން ސުވާލުކުރުމުން ކަސްޓަމްސް އިން ވަނީ މި މައުލޫމާތު ދޮގު ކޮށްފަ އެވެ. އަދި މަސްތުވާތަކެއްޗާއި އެކު އަތުލައިގަންނަ މީހުންނާއި މަސްތުވާތަކެތި ވެސް އެ އިދާރާއިން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހަވާލުކުރަމުން އަންނަ ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް އަވަސް އަށް ވިދާޅުވި އެވެ.