މޯލްޑިވްސް ކަސްޓަމްސް ސާވިސް

އަތުލައިގަތް މަސްތުވާތަކެތި ގެއްލުނު މައްސަލަ ދޮގުކޮށްފި

ރާއްޖެއައި ދެ މީހެއްގެ އަތުން 40 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، އެ ދެ މީހުން އަތުލައިގަތް ފަހުން މަސްތުވާތަކެތި ހުރި އެ މީހުންގެ ލަގެޖުތައް ގެއްލުނު ކަމަށް ބުނާ މައްސަލަ ކަސްޓަމްސް އިން ދޮގުކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ގެއްލުނު ލަގެޖަކީ ރާއްޖެ އައި ޕާކިސްތާނަށް ނިސްބަތްވާ މީހެއްގެ ލަގެޖެކެވެ. އަދި އޭނާގެ ލަގެޖުގައި ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތުކުރެވެ އެވެ. އަދި ކަސްޓަމްސް އިން ވަނީ މި މީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އަދި އިއްޔެ ރާއްޖެއައި މީހެއްގެ އަތުން 16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް، އަތުލައިގަތް ފަހުން މީހާ އަދި ލަގެޖު ވެސް ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކަސްޓަމްސް އިން ވަނީ މި މައުލޫމާތު ދޮގު ކޮށްފަ އެވެ. އަދި މަސްތުވާތަކެއްޗާއި އެކު އަތުލައިގަންނަ މީހުންނާއި މަސްތުވާތަކެތި ވެސް އެ އިދާރާއިން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހަވާލުކުރަމުން އަންނަ ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް އަވަސް އަށް ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ މައްސަލަތަކުގައި އަޅުގަނޑުމެން ވާނީ އެތަކެއްޗާ މީހާ ވެސް ފުލުހުންނާ ހަވާލުކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެ އަންނަ އެއްވެސް މީހެއްގެ ލަގެޖް ގެއްލި މައްސަލައެއް ޖެހިއްޖެ ނަމަ، އެ މައްސަލައިގެ ތަފްސީލް އެނގިވަޑައިގަންނަވާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ހަސަން އަރީފް އަވަސް އަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. ގެއްލުނު ކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެެއް އަދި ލިބިފައެއް ނުވެ އެވެ.