ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލުކޮށް ކެތްކުރެވޭނޭ ކަމެއް ނޫން ކަމަށާ އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އިންޑިޔާ އަށާއި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ.
އެކަމާއި ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާން ނުޕުރް ޝަރްމާ އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނެ އެކަލޭގެފާނުގެ ކައިވެނި ފުޅުތަކާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މިވާހަކަތަކަކީ މިއުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާއި ދެކޮޅަށް ބުނެފައިވީ ބަސްތަކެއް ކަމުން އެކަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
"ކީރިތި ރަސޫލާއަކީ މުޅި އިސްލާމީ އުއްމަތާއި އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއްގެ އިތުރުން އެތަކެއް ގައިރު މުސްލިމުންގެ ލޯތްބާއި ގަދަރުލިބިގެންވާ މާތް ޝަހުޝިއްޔަތެއް ކަމުގައި ވީހިނދު ކީރިތި ރަސޫގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލު ކޮށް ކެތްކުރެވޭނޭ ކަމެއްކަމަށް ނުވާހިނދު އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އިންޑިޔާ އަށާއި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއަށް ގޮވާލަމެވެ،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.
އިސްލާމްދީނަކީ އެންމެ މާތް އެންމެ މަތިވެރި ދީން ކަމަށާ ކީރިތި ރަސޫލާ އަކީ މުޅި އުންމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާ ކަމުން އިންޑިޔާގައި ދިރިއުޅޭ އެތައް މިލިޔަން މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް މިފަދަ ސާބިތު ނުހިފޭ ވާހަކަ ކުރިޔަށް އޮތް ތަނުގައިވެސް ތަކުރާރު ނުކުރުމަށް ބީޖޭޕީ އަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ.