އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބުގައި ވޯޓެއް ނެތި 180 މަގާމަކަށް މެންބަރުން އިންތިހާބު ވެއްޖެ އެވެ.
ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބާއި ގުޅޭގޮތުން އެ ޕާޓީން މިއަދު ބުނީ އޮގަސްޓް ހައެއް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިހާބުގައި 185 މަގާމަކަށް 196 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 180 މަގާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަގާމަކަށް މެންބަރެކެވެ. އެހެންކަމުން އެމްއެންޕީގެ އިންތިހާބީ ގަވާއިދުގައި ވާގޮތުގެ މަތިން އެއް މަގާމަކަށް އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާނަމަ އެ މެންބަރަކު އެ މަގާމަކަށް ހޮވުނީ ކަމުގައި ބުނާތީ އިންތިހާބަކާ ނުލާ އެ މެންބަރުން ވަނީ މަގާމުތަކަށް ހޮވިފައެވެ.
އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އިންތިހާބު ބާއްވަން ޖެހެނީ ފަސް މަގާމަކަށެވެ. އެއީ ވިމެންސް ވިންގެ ލީޑަރު ހޮވުމާއި ޔޫތު ވިންގގެ ލީޑަރު ހޮވުމާއި ނޮޅިވަރަމް ދާއިރާ (އަޕާ ނޯތު ރީޖަން - ހދ) ރައީސް ހޮވުމާއި ހޮޅުދޫ ދާއިރާ (ނޯތު ރީޖަން - ނ) ނާއިބު ރައީސް ހޮވުމާއި ތުޅާދޫ ދާއިރާ (ނޯތު ރީޖަން- ބ) ރައީސް ހޮވުމެވެ.
އިންތިހާބުގެ ވޯޓު ފޮށިތަށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޕީގެ 50 މެންބަރުން ހަމަވާ ރަށްރަށުގައެވެ. މިގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި އިންތިހާބުގައި ވޯޓުލާނީ ކަރުދާސް ބޭނުންކޮށްގެންނެވެ. މިރަށްރަށުގައި ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8:00 އިން ފެށިގެން އެ ދުވަހު ހަވީރު 4:00 އަށެވެ.
ކޮންމެ ފޮއްޓަކަށް ވޯޓްލާ ނިމުމުން އެވޯޓް ފޮއްޓަކާ ހަވާލުވެ ތިއްބަވާ އޮފިޝަލުން އަދި އޮބްޒާވަރުންގެ ހާޒިރުގައި ވޯޓު ގުނައި އެ މަރުކަޒެއްގައި އެފޮއްޓެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ވަނީ ހަމަޖެހިފައެވެ. މުޅި އިންތިހާބުގެ ވަގުތީ ނަތީޖާ ވޯޓްލާ ނިމޭ ގަޑިން ފެށިގެން 24 ގަޑިއިރު ތެރޭގައި އިއުލާން ކުރާނެ އެވެ. އަދި އިންތިހާބުގެ ދާއިމީ ނަތީޖާ ހަތް ދުވަސް ތެރޭގައި އިއުލާން ކުރާނެ އެވެ.