އަބްދުއްރަހީމް އަބްދުﷲ

ކުއްލި ނުރައްކާ އިއުލާނު ކުރަންޖެހޭ ހާލަތެއް ނެތް: އަބްދުއްރަހީމް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން އެއްވެސް ތަހުގީގެއް ހިންގަން ޖެހޭ ފަދަ ނުރައްކާތެރި ހާލަތެއް ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ "ހައެއް ފަހެއް"ގެ ހަމަލާއާއި ގުޅިގެން ފުލުހުން އެންމެ ފަހުން އާންމުކުރި މައުލޫމާތު ތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިމަހުގެ 25 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާފަ އެވެ. އަދި އެކަމަށް މަގުފަހި ކުރުމަށްޓަކައި ދައުރުން ބޭރުގައި މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާ އަބަދުވެސް އިދިކޮޅު ކޯލިޝަނުން ކުށްވެރިކުރާ ކަމަށެވެ. އަދި ހަރުކަށި ފިކުރު ފަތުރަން ބަޔަކު ކުރާ މަސައްކަތަކީ ވެސް އިދިކޮޅު ކޯލިޝަނުން ދުވަހަކު ވެސް ތާއީދު ކުރާނެ މަސައްކަތެއް ނޫން ކަމަށެވެ.

"އެކަމަކު އަޅުގަނޑު މިދަންނަވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ ފަދަ ހާލަތެއް މިވަގުތު ރާއްޖެއަށް ކުރިމަތިވެފައި އޮތް ކަމަކަށް ގަބޫލެއް ނުކުރަމޭ. އެ ހަމަލާގެ ތަހުގީގު ފުލުހުން އެބަ ކުރޭ. ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ވެސް ކޮށްފި. އެހެންވީމާ ކުއްލި ނުރައްކާ އިއުލާން ކުރަންވީ މިވަގުތަކު ނޫން. ކޮވިޑް އެންމެ ގޯސްވި ވަގުތު އެކަން ކުރި ނަމަ މާ ރަނގަޅު ވީސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ބޮން ގޮއްވާފައި ވަނީ މެއި ހައެއްގައި އެކަނި ނޫން ކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ސަލްޓަން ޕާކް ތެރޭގައި އަދި ރައީސް ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވައިގެން ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ނުވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރަކަށް ވާތީ ގައުމުގެ ހާލަތު ނުރައްކާ ވެއްޖެނަމަ އެ ހާލަތަށް ރިއާޔަތްކޮށް ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. މާޒީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ވެސް ގައުމަށް އޮތް ނުރައްކަލަށް ބަލައިގެން ކަމުގައި ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަހަރެއްގައި ވެސް ނުދަންނަވަން ރައީސް ނަޝީދަށް ދިން ހަމަލާ އަކީ ނުރައްކާތެރި ހަމަލާއެއް ނޫން ކަމަކަށް. އެކަމަކު އަޅުގަނޑު މިދަންނަވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ފަދަ ކަމެއް މިހާރު މިވަގުތަކު ނެތޭ،" އިދިކޮޅުގެ ވިސްނުން ހުރި ގޮތް ތަކުރާރު ކުރައްވަމުން ވިދާޅުވި އެވެ.

ސިޔާސީ ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ގޮތުން ހަރުކަށި ފިކުރު މާނަކުރަން ޖެހޭ ހިސާބަށް ބައެއް ބޭފުޅުންގެ ވާހަކަ ގޮސްފައިވާ ކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ހަރުކަށި ފިކުރަކީ ލާދީނީ ވެގެން ގޮސް ހަރުކަށިވުންތޯ ނުވަތަ ދީނީ ވެގެން ހަރުކަށިވުންތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިނަމަ އިދިކޮޅު ކޯލިޝަންގެ ޕީޖީ ގުރޫޕުން އެކަމުގައި ގޮތް ނިންމާނީ އެބޭފުޅުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޯލިޝަންގެ ލީޑަރުންގެ ލަފާ ވެސް ލިބިގެން ކަމުގައި އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށް އެމްޑީޕީން ގަރާރެއް ފާސްކުރި ނަމަވެސް އެ މައްސަލާގައި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.