މާލެ އާއި ރަށްރަށާއި ދެމެދު ދަތުރު ކުރާ ބޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ސަބަބުން ރަށްތަކަށް ކޮވިޑް ފެތުރެން މެދުވެރިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރަށްތަކުގައި ކޮވިޑް ކޭސްތައް ގިނަވަމުންދާ މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުނުކުރުން ކަމަށެވެ. އެގޮތުން ޑރ. ނަޒްލާ އެންމެ ބޮޑަށް ފާހަގަކުރެއްވީ ރަށްރަށަށް ކޮވިޑް ބަލިދާ ގޮތާއި ރަށްރަށުގައި ކޮވިޑް ފެތުރޭ ގޮތަށް ބަލާއިރު މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ބޯޓުތަކާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ބަލި ފެތުރޭ ކަމެވެ.
"[ބޯޓުތަކުގެ ފަޅުވެރިންނަށް] ބަލީގެ އަލާމަތްތައް ފެނުނީމަވެސް ރިޕޯޓް ނުކޮށް ވެސް ބައެއް ފަހަރު ހުރޭ. ނޫނީ ރިޕޯޓްކޮށްގެން ޓެސްޓްކުރާއިރު ޕޮޒިޓިވް ވެގެން ބަލާއިރުގައި ރަށުތެރޭގައި ވެސް މީހުން އައިސް ގެއަށް ގޮސް އެހެން މީހުން ކޮންޓެކްޓްވެފައި މި ހުންނަނީ. އެހެންވީމާ މިކަހަލަ ގޮތްގޮތުން ވެސް ބަލި ފެތުރިފައި އެބަހުރި،" މާލެ ދަތުރުކުރާ ބޯޓުތަކުގައި އުޅޭ މީހުންގެ ފަރާތުން ބަލި ފެތުރޭ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
މީގެއިތުރުން ބައެއް ރަށްރަށުގައި ބައެއް މީހުން އަދިވެސް މާސްކް ނާޅައި އުޅުމާއި، ރަށުގައި ބަލި ފެތުރިފައި ނެތް ނަމަ ބައެއް ރަށްރަށުގެ މީހުން އެމީހުންގެ ކިބައިން ބަލީގެ އަލާމާތް ފެނުމުން ޓެސްޓް ނުކުރާ މައްސަލަ އަކީ ވެސް ބަލި ފެތުރެން ދިމާވާ ސަބަބެއް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑް ފިޔަވަޅުތަކަށް ސަމާލުވުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"އެނގިވަޑައިގަންނަވާނެ ވަރަށް ކުދިކުދި ކޮމިއުނިޓީޒް އަޅުގަނޑުމެން މިއޮންނަނީ. ވަރަށް ބޮޑަށް ގުޅިފައި މިހުންނަނީ. އެއް ބަޔަކު އަނެއް ބަޔަކާ ވަރަށް ގާތްކޮށް މިއުޅެނީ. އެހެންވީމާ އެހެން އުޅޭއިރުގައި އެކަކުވެސް ބަލިޖެހިފައި ހުރެއްޖިއްޔާ ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވެސް އެންމެ ބޮޑަށް އިލްތިމާސް ކުރެއްވީ މާސްކް އެޅުމަށެވެ. އީދު ބަންދުގައި ބައެއް ރަށްރަށުގައި މާސްކް ނާޅައި ކުޅިވަރުތައް ކުޅުމާއި ކުޅިވަރުތައް ބެލުމަށް މީހުން އެއްވެފައިވާތީ އެކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާސްކް އެޅުމަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް ވެކްސިން ޖަހަން ފެށުމާ ގުޅިގެން މާސްކް ނާޅައި އުޅުމުގެ ހުއްދަ ދީފައިވެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެ ހުއްދަ ދީފައިވާ ބައެއް ގައުމުތަކުގައި ވެސް އަލުން މާސްކް އަޅަންޖެހޭ ގޮތަށް ގައިޑްލައިންތައް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
"އަސްލު އަޅުގަނޑުމެން ވެކްސިން ޖެހި ކަމުގައިވިޔަސް އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ވެކްސިން ޖަހާ މުޅި ނިސްބަތުން ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްވިއްޔާ ނޫނިއްޔާމު މާސްކް ނެގުމަކީ ރަނގަޅު ކަމެއް ނޫން. އެހެންވީމާ އަޅުގަނޑުމެންނަށް ނޭނގުނަސް އަސްލު މާސްކް އެއީ ކުޑަ އެއްޗެއް. އެކަމަކު އޭގެއިން ވަރަށް ބޮޑު ފައިދާއެއް ލިއްބައިދޭ. އޭގެ އެންމެ މުހިއްމު އެއް ކަމަކީ މުޅި މުޖުތަމައަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް އަދި އެއްވެސް ވަރަކަށް ވެކްސިން ދީފައި ނެތުމަކީ ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަންޖެހޭ މުހިއްމު ސަބަބެއްގެ ގޮތުގައި ޑރ. ނަޒްލާ މުސްތަފާ ފާހަގަކުރެއްވި އެވެ. ކޮވިޑް ރަށްރަށުގައި ފެތުރިގެންދާނަމަ ބަލި އުޅޭ ސަރަހައްދުތަކުގައި ސުކޫލްތައް ހުޅުވަން ދަތިވާނެތީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ޑރ. ނަޒްލާ މުސްތަފާ ވަނީ އެދިވަޑައިގެންފަ އެވެ.