ސަރުކާރުގެ ސިޔާސަތު ކަނޑައަޅަން ތިއްބަވާ ބައެއް ބޭފުޅުންނަށް އާސާރީ ތަރިކަ ހިމާޔަތް ކުރުމުގެ މުހިއްމުކަން ނޭނގޭ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.
އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި އަސާރީ ތަންތަން ހިމާޔަތް ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތޯރިގް ވިދާޅުވީ ބައެއް އާންމުންނާއި މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާ ބައެއް ބޭފުުޅުންގެ ހޭލުންތެރިކަން ނެތުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ތިއްބަވާ ބައެއް ބޭފުޅުންނަށް ތަރިކަ ހިމާމަތް ކުރުމުގެ މުހިއްމު ކަން އެނގިވަޑައިނުގަންނަވާތީ ދިމާވާ ދަތިތަކެއް ހުރިކަން ވެސް ފާހަގަކުރެއްވި އެވެ.
"ސިޔާސަތު ކަނޑައަޅަން ތިބޭ ބައެއް ފަރާތްތަކަށް ހީވޭ އަޅުނގަޑުމެން މި ވާހަކަ ދެއްކީމަ މޮޔަވެގެން އުޅެނީ ކަމަށް. ސޭކި ވާހަކަ ދައްކަނީ ކަމަށް" ތޯރިގް ވިދާޅުވި އެވެ.
ކުރީގެ މަޖިލިސް މެންބަރު ތޯރިގް ވިދާޅުވީ އެބޭފުޅުންގެ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތަރިކަ ރަށްކާތެރިކުރުމުގެ މުހިންމުކަން އެނގިވަޑައިގެން އެކަމަށް އެއްބާރުލުން ދެއްވާތީ ކަމަށެވެ. އަދި މަސައްކަތުގައި ރައީސްގެ ހާއްސަ އެހީތެރިކަން އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީގެ ދައުރު ވަރަށް ފުޅާކަން ފާހަގަކުރައްވާ ތޯރިގް ވިދާޅުވީ މާޒީގެ މަސައްކަތްތަކާއި މިއަދު މަސައްކަތްތައް ވެސް އަންނަން އޮތް ޖީލަށް ވާސިލްކޮށްދިނުމަށްޓަކައި ހެރިޓޭޖު މިނިސްޓްރީން މަސައްކަތް ކުރަންޖެހޭތީ އެ މިނިސްޓްރީ އެއް ވަކިން ބޮޑު އެހެން މިނިސްޓްރީއެއް ނޯންނާނެ ކަމަށެވެ.
"އެހާވެސް ހެރިޓޭޖު މިނިސްޓްރީގެ މަސްއޫލިއްޔަތު އަދި ދާއިރާ ވެސް ފުޅާ،"
ތޯރިގު ގަބޫލުކުރައްވާ ގޮތުގައި މާޒީގައި ހިނގާފައިވާ ކަންކަމަށް ނުބަލާ މުސްތަގުބަލް ނުރޭވޭނެ އެވެ. އެހެންވެ އަންނަން އޮތް ޖީލަށް ތަރައްގީގެ ފްލޭންތައް އެކުލަވާލެވޭނީ މާޒީއަށް ބަލައި ތަރިކަ ހިމާޔަތް ކޮށްގެން ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ތަރިކަ ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ހެރިޓޭޖް މިނިސްޓްރީން އެ މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.