ދުނިޔެ

އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ވިއެޓްނާމަށާއި ސިންގަޕޫރަށް

އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ވިއެޓްނާމަށާއި ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ސައިމޯން ސޭންޑާސް ބަޔާނެއްގައި ވިދާޅުވީ ވަކި ދުވަހެއް އަދި އިއުލާން ކުރެވެން ނެތް ނަމަވެސް އޮގަސްޓްގައި އެކަމާނާ ދަތުރު ކުރައްވާނެ ކަމަށެވެ.

ވައިޓް ހައުސް އިން ބުނާ ގޮތުން ކަމަލާ ވިއެޓްނާމަށާއި ސިންގަޕޫރަށް ވަޑައިގަންނަވަނީ ގުޅުން ރަނގަޅު ކުރެއްވުމަށާއި އިގުތިސޯދީ ގޮތުން އެމެރިކާއިން ވެދޭ އެހީތެރިކަން ފުޅާކުރެއްވުމަށެވެ.

ސޭންޑާސް ވިދާޅުވީ ކަމަލާ އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސަރަހައްދީ ރައްކާތެރިކަމާއި ކޮވިޑް ބަލިމަޑުކަން އަދި މޫސުމާ ގުޅުން ހުރި މައުލޫތަކަށް މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބައިނަލްގައުވާމީ މުޖުތަމައުގައި އެމެރިކާ އާއި އެކުވެރިންގެ އަމަލުތައް ހުންނަން ޖެހޭ މިންގަނޑުތަކެއް ވިދާޅުވެ ދެއްވާނެ ކަމަށެވެ.

އޭޝިއާގައި އެމެރިކާގެ ދައުރު ފުޅާކޮށް ބައިވެރިންނަށް އިނާޔަތްތައް ދޭނެ ކަމަށް ބުނަނީ ރަޝިއާއާ ޗައިނާއާ ވާދައަށެވެެ. ޗައިނާއިން އޭޝިއާ ގައުމުތަކުގައި ހިންގާ އިގުތިސޯދީ މަޝްރޫއުތަކުގެ ސަބަނުން އެމެެރިކާގެ މަގުބޫލުކަން އޮތީ ފަނޑުވެފަ އެވެ.

ނައިބްރައީސް ކަމަލާ ހެރިސްގެ ދަތުރާ ބެހޭ ގޮތުން ވައިޓް ހައުސްއިން ވާހަކަދައްކާފައި ވާއިރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވެސް ވަނީ މިދާކަށް ދުވަހު ސިންގަޕޫރަށާއި ފިލިޕީންސަށް އަދި ވިއެޓްނާމަށް ވަޑައިގެންފަ އެވެ.

އޮސްޓިން އެގައުމުތަކަށް ވަޑައިގެން ކުރެއްވިހާ ވެސް ކަމަކީ ޗައިނާއިން އެގައުމުތަކަށް ނުފޫޒުފޯރުވާ މިންވަރު ބައްލަވައި އެގައުމެއްގެ ވެރިންގެ ރުހުން ހޯއްދެވުމަށް ވާހަކަދެއްކެވުމެވެ. އެގައުމުތަކުގެ އަސްކަރިއްޔާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ޕްރޮގްރާމްތަކެއް ހިންގުމެވެ.

ޑިފެންސް ސެކްރެޓަރީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައި އޮތީ ހުހަށް ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނާ ގުޅުމެއް އޮތް ތަނެއް ނޫން ކަމަށް ޗައިނާ ބުނާ ކަމަށެވެ. ޗައިނާއިން ކަނޑުގެ އެ ސަރަހައްދަށް ބާރު ހިންގަނީ އެހެންވެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަނޑަނީ އެކަނޑު ވަށައިގެންވާ ގައުމުތަކުގެ މަސްލަހަތާ ގުޅިފަައި އޮތް ތަނެއް ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ދައުވާކުރާ ގައުމުތަކުގެ ތެރޭގައި ޓައިވާނާއި، ފިލިޕީންސްް، ބުރޫނާއި އާއި މެލޭޝިއާ އަދި ވިއެޓްނާމް ވެސް ހިމެނެ އެވެ. އެމެރިކާއިން ބުނަނީ ދެކެނު ޗައިނާ ކަނޑުގައި މިނިވަންކަމާއެކު ބޭނުން ބަޔަކަށް ދަތުރުކޮށް އުޅެވެން ޖެހޭ ކަމަށެވެ.