އެލައިޑް އިންޝުއަރެންސް

އެލައިޑުގެ ރައްކާ ބިލްބޯޑުން މަގަށް ސަމާލުވުމުގެ ވާހަކަ

Aug 7, 2021

ބޮޑު ތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލް، ދިއްލުނު ރަތް ލައިޓާއެކު މަޑުކޮށްލީމެވެ. މަޑުކޮށްލައި ވާއަތް ފަރާތް ބަލައިލީތަނުން ލޮލުގައި އަޅައިގަތީ ބިލް ބޯޑެވެ. ފޮޓޯ ގަނޑެކެވެ. އެއިން ފެންނަނީ ދެ ހެލްމެޓެވެ. ކުޑަ ހެލްމެޓަކާއި ބޮޑު ހެލްމެޓެކެވެ. ބޮލުގައި އޮތް ހެލްމެޓުގައި އަތް ޖައްސާލައި ބޮލުގައި އޮތީ އެ ވައްތަރުގެ ހެލްމެޓެއްކަން ޔަގީންކޮށްލީމެވެ.- މިއީ އެލައިޑް އިންޝުއަރެންސާއި ފުލުހުން ގުޅިގެން ހިންގާ "ރައްކާ ކެމްޕޭން"ގެ އެއް ބިލް ބޯޑެވެ. މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާ ތަކަށް އާއްމު ހޭލުންތެރިކަން އިތުރުކުރަން ހިންގާ މި ކެމްޕޭނުން މިފަދަ އެތައް ވާހަކަތަކެއް ކިޔައިދޭ ބޯޑުތަކެއް ވަނީ ބަހައްޓާފަ އެވެ.

"ރައްކާ ކެމްޕޭން"ގެ ދަށުން ބޮޑެތި މަގުތަކުގައި ވަނީ ބިލްބޯޑުތައް ހަރުކޮށްފައިވެ އެވެ. މީގެތެރެއިން ބައެއް ބިލް ބޯޑުތަކުގައި އަޅަން ޖެހޭ ހެލްމެޓު ހުންނަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑު ކިޔައިދެ އެވެ. އަދި މަގަށް ސަމާލުކަން ނުދެވިއްޖެނަމަ ދެން ވާނެ ގޮތް ބުނެދެ އެވެ. "އެންމެ ސިކުންތު ކޮޅެއްގެތެރޭގައި" ދިރިއުޅުން ބަދަލު ވެގެން ހިންގައިދާނެ ގޮތުގެ މަންޒަރު ސިފަކޮށްދެ އެވެ. އުމުރުގައި ހަދާލެވޭ އެންމެ ގޯހަކުން އުމުރު ދުވަހަށް ތިބާ އާއި އާއިލާ- ރައްޓެހިން- ލޯބިވެރިން ފުރޮޅުލީ ގޮނޑީގައި އުމުރު ދުވަހަށް އިންނަން ޖެހިދާނެ މަންޒަރުތައް ސިފަކޮށްދެނީ މި ބޯޑު ތަކުންނެވެ. އެ ހިތްދަތި މަންޒަރު ކިޔައިދެނީ މި ބޯޑުތަކުންނެވެ.

އުޅަނދު ދުއްވާއިރު އަބަދު ވެސް ވިސްނަންވީ ތިބާގެ ފަރިތަކަމަށް ނޫންކަން މި ބޯޑުތައް ފެނުމުން އިހުސާސް ކޮށްދެ އެވެ. އަނެއް މީހާ އަކީ ތިމަންނާއަށް ވުރެ ނުފަރިތަ މީހަކަށް ވެދާނެ ކަމަށް ބުނެދެ އެވެ. އަގު ބޮޑެތި އުޅަނދުތަކުގައި ދުއްވާއިރު ދެ އުޅަނދުގެ ދުރުމިނުގައި ހުންނަން ޖެހޭ "ޑިސްޓެންސް" ބަހައްޓައިގެން ދުއްވުން މުހިންމެވެ. މި ހާލަތުގެ ބަހުންނަމަ ދެ އުޅަނދުގެ ދުރުމިނުގައި ވެސް "ގައިދުރުކަން" ހުންނަން ޖެހެ އެވެ. އެހެންނޫނަމަ އަގު ބޮޑެތި އުޅަނދުތައް، ސްޕީޑަށް ގެނެވޭ ކުޑަ ބަދަލަކުން ކުދިކުދި ވެގެން ގޮސް ލިބޭ މާލީ ގެއްލުމުގެ ވާހަކަ ވެސް މި ބިލް ބޯޑު ތަކުން ބުނެދެ އެވެ. އެހެންވެ މި ބިލްބޯޑުތައް ވެފައިވަނީ މަގުމައްޗަށް މީހާ "ހަބަރުދާރު" ކޮށްދޭ ފޮޓޯ ތަކަށެވެ. ދުއްވުމުގައި ރައްކާތެރިކަން ހުންނަން ޖެހޭނެ ވާހަކަ ބުނެދޭ ފޮޓޯ ތަކަކަށެވެ.