ދުނިޔެ

ފްރާންސްގެ ހުކުރު ހުތުބާގައި ހައްދު ފަހަނަ އެޅުމުގެ ވާހަކަ


އައްޔެގެ ހުކުރު ހުތުބާގައި ފްރާންސުގެ އިމާމުން ހައްދު ފަހަނަ އެޅުމާއި އަނިޔާވެރިކަމުގެ ނުބައިކަމަށް އަލި އަޅުވާލައިފިއެވެ. 129 މީހުން މަރާލައިގެން އައިއެސް އިން ޕެރިހުގައި ދިން ހަމަލާއަށްފަހު މިފަދަ ހަމަލާ ތަކަކީ ހަމަ ހަގީގަތުގައިވެސް އިސްލާމްދީން ތަރުހީބުދޭ ކަންކަންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ މި ދަނޑިވަޅުގައި އިމާމުން ވަނީ މިފަދަ އަނިޔާވެރި އަމަލުތަކާ ދެކޮޅު ދީނީ ހެކި ހިމެނޭ ހުތުބާތައް ކިޔާފައެވެ.

ފްރާންސުގައި އިސްލާމްދީނާ ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކުގެ މައި އިދާރާ، "ފްރެންޗް ކައުންސިލް އޮފް ދަ މުސްލިމް ފެއިތު" އިން ވަނީ ހުކުރު ހުތުބާގައި ޕެރިސް ހަމަލާ ކުށްވެރި ކުރުމަށް އިމާމުންނަށް އިލްތިމާސްކޮށްފައެވެ.

ހަރުކަށި ހިޔާލުތަކަށް ހިތްވަރުދޭ އިމާމުން ހައްޔަރު ކުރުމަށް ފްރާންސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން ފްރާންސްގެ ހުޅަނގުގައި އޮންނަ ސިޓީއެއްގެ އިމާމެއްގެ ގެއާއި މިސްކިތް ފުލުހުން ވަނީ ފާސްކޮށްފައެވެ. މި އިމާމަކީ ހަރުކަށި ހިޔާލުތަކަށް ތަރުހީބުދޭ ކަމަށް ފްރާންސުގައި މަޝްހޫރު ފަރާތެއް ނަމަވެސް އޭނާ ފާސްކުރުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާތީ އޭނާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ޕެރިހުގެ އެންމެ ބޮޑު މިސްކިތުން ޓެރަރިޒަމާއި ދެކޮޅަށް އިއްޔެ ބޭއްވުމަށް ރޭވި ހިނގާލުން ވަނީ ކެންސަލް ކޮށްފައެވެ. ޕެރިހުގެ މޭޔަރުވެސް ބައިވެރިވާ ގޮތަށް އޮތް މި ރެލީ ކެންސަލް ކުރީ އެ ހަރަކާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ނެތުމުންނެވެ.
ފްރާންސުގައި ފަސް މިލިއަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. މިއީ އެގައުމުގެ އާބާދީގެ 8 ޕަސެންޓެވެ. އަދި މިއީ ޔޫރަޕުގައި ދިރިއުޅޭ އެންމެ ބޮޑު މުސްލިމް އާބާދީއެވެ. – އަލް އަރަބިއްޔާ