ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.
މޭޔަރު މުއިއްޒު މާދަމާ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ ހެނދުނު 10:30 އަށެވެ. މިއީ މިމައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. މި މައްސަލައިގައި ޑރ. މުއިއްޒު އަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު ބުނެފައި ވަނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.
ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދައްކާފަ އެވެ.