ރާއްޖޭގެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.
މުޅިން އަލަށް ހުޅުވި މި ކްލިނިކުގައި ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ހަމަހުން މަތީގެ ކުޑަކުދިންނަށެވެ.
މި ކްލިނިކްގައި ހެދި ބޮޑުވުމާއި ކެއުމާއި އަދި ޑައެޓާ ގުޅުން ހުރި މައްސަލަތަކުގައި ފަރުވާ ބޭނުންވާ ކުޑަކުދިންނަށް ފަރުވާ ދޭނެ އެވެ. އެފަދަ މައްސަލަތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕުން ވަނީ ހާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފަ އެވެ. ނަމަވެސް އެ ޕެކޭޖް އިންޝުއަރެންސުން ކަވާއެއް ނުކުރާނެ އެވެ.
މި ކްލިނިކުން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ކުޑަކުދިން އެލާޖިކްވާ ކާނާގެ ބާވަތްތައް ޓެސްޓްކޮށްދިނުމާއި ޑައެޓާއި، ކަސްތަރުކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި އަދި ވިޓަމިންސްއާއި މިނަރަލްސް ފަދަ ބާވަތްތައް ހަށިގަނޑުގައި މަދުތޯ ބަލަން ލޭގެ ޓޭސްޓުތައް ހެދުން ހިމެނެ އެވެ. ހަމަ އެހެންމެ ކުޑަކުދިންނަށް ކާނާ ދިނުމުގައި އަމަލުކުރަން ޖެހޭ އިރުޝާދުތަކާއި އަދި "ކަސްޓަމައިޒްޑް" ޑައެޓް ޕްލޭންތައް ހަދައިދޭނެ އެވެ.
މީގެއިތުރުން އެންޑޯކްރައިންއާއި ހޯމޯންއާ ގުުޅޭ މައްސަލަތައް ދެނެގަތުމަށް ވެސް ލޭގެ ޓެސްޓުތައް ހަދައިދިނުމަށް ހަމަޖެހިފައިވެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިހާރުވެސް ދަނީ އެންމެ ޒަމާނީ އެކި ހިދުމަތްތަކާއި ފަރުވާތައް ފޯރުކޮށްދެމުންނެވެ.