ގދ. ތިނަދޫ

ތިނަދޫ ކުއްޖަކު ދަގަތްފާނު ބޯޅަތަކެއް ދިރުވާލައިފި!

Nov 16, 2019
8

ބައެއް ފަހަރު ކުޑަކުދީންނަށް ކަންފަތަށާއި ނޭފަތަށް އެއްޗެހި ލެވެ އެވެ. އަދި ކުޅުމުގެ ތެރޭ ބައެއް ފަހަރު އެއްޗެހި ދިރުވާލެވޭ ގޮތް ވެސް ވެއެވެ. ގދ. ތިނަދޫއަށް އުފަން އުމުރުން ހަތް އަހަރު ފިރިހެން ކުއްޖަކަށް ދިމާވީ އެކަހަލަ ގޮތެކެވެ. އޭނާއަށް ކާލެވުނީ ބައިވަރު ދަގަތްފާނު އޮށްތަކެވެ. މިހާ ބައިވަރު ދަގަތްފާނު ބޯޅަ ދިވެހި ކުއްޖަކަށް ދިރުވާލެވުނު މިއީ ފުރަތަމަ ފަހަރު ކަމަށްވުން ވަރަށް އަކަށީގެން ވެއެވެ.

މި ހާދިސާއަށް ފަހު ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލްގައި އެ ކުޑަ ކުއްޖާގެ އޮޕަރޭޝަނެއްކޮށް ގޮހޮރުގެ ތެރޭގައި ރިންގަކަށް އެތުރިފައި ހުރި ދައްގާތްފާނު ބޯޅަތައް ޑޮކްޓަރުން މިހާރު ވަނީ ނަގާފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު މި ހާއްސަ އޮޕަރޭޝަން ކުރީ ކުޑަ ކުއްޖާގެ ބަނޑުން ތަންކޮޅެއް ކަފާލައި ހުޅުވައި ގޮހޮރުގެ ބޮޑު ބައެއް ބޭރަށް ނެރެގެނެވެ. -- މި ހާދިސާގައި ހިމެނޭ ކުޑަކުއްޖާއަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ދަރިކަލުން، އަލާން އަބްދުﷲ ސަނީފެވެ.

ގްރޭޑް އެކެއްގައި ކިޔަަވަމުން އަންނަ ކުއްޖާ ދިރުވާލާފައި ވަނީ އެކި ކުލަ ކުލައިގެ ބޯޅަތަކެވެ. އަދި އެއީ ކުދި ތަސްބީހަ އޮށް ސައިޒުގެ ބޯޅަތަަކެކެވެ. އެ ބޯޅަތަކަކީ އޭނާގެ ދޮއްްޓަށް ހުންނަ ދައްތަ ކުޅެ ރާވަން ބޭނުން ކުރަމުން އައި ބޯޅަތަކެވެ. މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށިގެން ބޭނުން ކުރަމުން އައިސްފައިވާ ބޯޅަތަކުން 20 ބޯޅައެއް ދިރުވައި ލެވުނީ މީގެ ދެތިން ހަތަރު ދުވަހެއް ކުރިން ކަމަށް ބެލެވެ އެވެ. ސީދާ ދުވަހެއް ނޭނގެ އެވެ.

"އޭނާގެ ދޮންތަ އެ މެގްނެޓް ބޯލްތައް ގެންގުޅޭތާ ވެސް ވެއްޖެ ތިން މަހެއްހާ ދުވަސް... އަނެއްކާ އޭނާ އެ ތަކެއްޗާ ކުޅުން ދޮންތަ އޮންނަނީ ވެސް މަނާކޮށްފައި... އެން އުޅެނިކޮށް އެކްސްޕެރިމެންޓެއް ކޮށްފައި އެވަނީ،" ސަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެގެންޓް ބޯލްގެ 20 ބޯޅައެއް އަލާން ދިރުވާލާފައިވާ ކަމަށް ބެލެވެނީ އެކްސްޕެރިމެންޓެއް ކުރުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި އޭނާ އެ ބޯޅަތައް ދިރުވާލާފައި ވަނީ ހަ ދުވަސް ކުރީން ކަމަށް ވެސް ލަފާވެ އެވެ.

"އަޅުގަނޑުމެނަށް އެނގުނު ހިސާބުން އެކްސްރޭ ނަގައިގެން ބެލި އިރު ބޯޅަތަ ހުރި ދެ ބަޔަކަށް އެހެންވީމާ އެނގޭ ހަ ދުވަސް ކުރިން ދެ ދުވަހެއް މަތީކަން ދިރުވާލަފައި އެހުރީ... ފަހުން 20 ބޯޅަ އެއްކޮށް ގޮހޮރުގެ ތެރޭގައި ރިންގަކެއްވާނެހެން އެތުރި ތަތްލަވާފައި އިނީ، އަޅުގަނޑަށް ދެންނެވޭނީ [އަލާން] އެކްސްޕެރިމެންޓެއް ކުރީއޭ... އޭނާއަކީ މީގެ ކުރިން އެފަދަ ކަންކަން ކުރާ ކުއްޖެއް ނޫނެ،" ސަނީފު ވިދާޅުވި އެވެ.

ސަނީފް ވިދާޅުވި ގޮތުގައި އަލާން މެގްނެޓް ބޯޅަތައް ދިރުވާލިކަން އެނގުނީ އެނާ ބަނޑުގައި ގަދައަށް ރިއްސަން ފެށުމުން ބޯޅަތައް ދިރުވާލެވިއްޖެ ކަމަށް އަމިއްލައަށް އޭނާގެ ދޮންތަ ގާތުގައި ބުނުމުން އޭގެ ދޮއްޓަށް ހުންނަ ދޮންބެގެ ސަމާލު ކަމަށް އެކަން ދިޔަ ހިސާބުންނެވެ.

"އެހިސާބަށް ދިޔައިމަ އެ ކުދީން މަންމަ ގާތުގައި ބުނީ ދެން މަންމަ ވަގުތުން އޭނާ ގޮވައިގެން ޑޮކްޓަރަށް ދިޔައީ... ނަމަވެސް ތިނަދޫ ހޮސްޕިޓަލުން އެއް ޑޮކްޓަރަކު ވިދާޅުވީ ފާހާނާ ކުރާއިރު ބޭރުވެގެން ދާނެ ކަމަށް. އަދި އަހެން ޑޮކްޓަރު ތަފާތު ގޮތަކަށް ވިދާޅުވީމަ އަޅުގަނޑުމެން ބޭނުންވީ މަޑު ނުކުރަން ދެން މާލެ ގެނެސް ޓްރީޓޮޕަށް ދިއުމުން ބެލި އިރު އިނީ ރިންގަކަށް ބަދަލުވެ ގޮހޮރު ތެރޭގައި ތާށިވެފައި އަދި އޮޕަރޭޝަނެއް ކުރާ ހިސާބުގައި ދެން އަޅުގަނޑުމެން އެހެން ބައެއް ޑޮކްޓަރުންގެ މަޝްވަރާ ވެސް ހޯދައިގެން ޓްރީ ޓޮޕްގައި އޮޕަރޭޝަންކޮށް އިއްޔެ ބޯޅަތައް ނެގީ،" އޭނާ ވިދާޅުވި އެވެ. "އަދި އަލާން ހޮސްޕިޓަލުން ދުލެއް ނުކޮށްލާ އެއީ ވަރަށް ސީރިއަސް އަޮޕަރޭޝަނެއް ވީމައާއެކު. އެހެން ނަމަވެސް އޮޕަރޭޝަން ކާމިޔާބު"

ސަނީފް ވިދާޅުވީ މިއީ އޭނާގެ ދަރިފުޅަށް ދިމާވި ހާދިސާއެއް ނަމަވެސް މިއީ އާއިލާތަކުން ސަމާލު ވާންޖެހޭ ފަދަ ކަމެކެވެ. އަދި ފަހަކަށް އައިސް ކުޑަކުދީން ކުޅެން މިފަދަ މެގެންޓް ބޯޅަތައް ގެންގުޅުން އިތުރު ވެފައިވާއިރު ސަމާލުވުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.