ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހައްސިއްޔަތު ޕީޕީއެމަށް ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްވައިފި އެވެ.
އާދަމް ޝަރީފް އެ ޔަގީންކަން ދެއްވާފައިވަނީ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާތީ އެވެ.
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ މަޖިލީހުގެ ފަސް މެމްބަރުން ގުޅިފައިވާއިރު އިތުރު ދެ މެމްބަރަކު އެ ޕާޓީއާ ގުޅިއްޖެ ނަމަ އެމްއެންޕީ ވެގެން ދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަށެވެ. ހަ މެމްބަރުންނާ އެކު މަޖިލީހުގައި މިހާރު މައިނޯރިޓީ ޕާޓީ އަކީ ޕީޕީއެމް އެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމްއެންޕީ އުފައްދަން އުޅުނަސް އެކަމާމެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"މިހާރުވެސް ޕީޕީއެމް/ ޕީއެންސީއާއެކު އަޅުގަނޑުމެންގެ އެބަތިބި ނުވަ މެމްބަރުން. އަޅުގަނޑުމެން ބޭނުންވާއިރަށް ވަރަށް ފަސޭހައިން ޕީއެންސީގައި ތިބި މެމްބަރުން ޕީޕީއެމަށް ބަދަލުވެވިދާނެ. މި ދެ ޕާޓީއަކީ ވެސް ހަމަ އެއް ފިކުރެއް. ދެން މިހާރުވެސް އެބަތިބި އަޅުގަނޑުމެންނާ ގުޅެން އިތުރު މެމްބަރުން ޝައުގުވެރިކަން ފާޅުކޮށްފައި" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ/މެޖޯރިޓީ ޕާޓީއަށް ވުރެ މުހިއްމީ މަޖިލީހުގައި ދައްކާ ވާހަކައާއި ކުރާ މަސައްކަތް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ އަށް އާންމު މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް ހަމަ ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.
މޯލްޑިވްސް ނެޝެނަލް ޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ނާޒިމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)، ތިމަރަފުށީ ދާއިރާގެ މެމްބަަރު އަބްދުﷲ ރިޔާޒު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު ހިމެނެ އެވެ.