ޑރ. މުހައްމަދު މުއިއްޒު

އުފައްދާނީ އިސްލާމްދީނާއި ގައުމިއްޔަތަށް އިސްކަންދޭ ވެރިކަމެއް: މުއިއްޒު

ޕީޕީއެމް-ޕީއެންސީގެ ސަރުކާރު ވާނީ އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖެއަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވި ހާދިސާ ކަމަށެވެ.

"ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދިވެހިން ދެމިތިބުމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.

ފިކުރީ ގޮތުންނާއި އިސްތިރާތީޖީ ގޮތުން ތަފާތު ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ގޮންޖެހުންތަކާ ދިވެހި ގައުމު އިސްކޮށް ދިވެހީންގެ މަސްލަހަތު ކުރިއަށް ނެދުމަކީ ދިވެހިން އެދޭ ގޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ސަރުކާރު ވާނީ ގައުމުގެ އިސްތިގުލާލާއި ފަހުރުވެރިކަން ނަގަހައްޓައިދޭ އަދި ދިވެހިންގެ އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގްވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށެވެ.