ދުނިޔެ

ރަޝިއާ ޑިޕްލޮމެޓުންނަށް އެމެރިކާ ވިސާ ދަތިކޮށްފި

އެމެރިކާގެ ވޮޝިންޓަންގައި ހުންނަވާ ރަޝިއާ އެމްބެސެޑަރު، އެނަޓޮލީ އެންޓޮނޯފް ވިދާޅުވީ ކުރިއާލައި އިޝާރާތެއް އަދި އަންގާލުމެއް ވެސް ނެތި ރަޝިއާ ޑިޕްލޮމެޓުންނަށް އެމެރިކާއިން ވިސާ ދަތިކޮށްފި ކަމަށެވެ.

ރަޝިއާއަށް ވިސާ ދަތިކޮށް އަދި އެއްގޮތަކަށް ވެސް އެމެރިކާއަށް ނާރުވާނެ 24 ޑިޕްލޮމެޓެއްގެ ލިސްޓެއް ވެސް އެމެރިކާއިން ފޮނުވާފައި އޮތް ކަމަށް ސަފީރު ވިދާޅުވި އެވެ.

އެމެރިކާއިން ބުނި ކަމަށް ރަޝިއާ ސަފީރު ވިދާޅުވީ ލިސްޓްގައި ހިމެނޭ ޑިޕްލޮމެޓުން އެމެރިކާގައި މިހާރު ތިބި ނަމަވެސް ވިސާ އިތުރު ނުކޮށްދޭނެ ކަމަށާއި ސެޕްޓެމްބަރު ތިނެއްގެ ކުރިން އެ މީހަކު އެމެރިކާއިން ފައިބަން ޖެހޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އެމެރިކާއާ ރަޝިއާ ސުލްހަވުމަށް މަޝްވަރާކުރެވެމުން ދާއިރު މައްސަލަ ހައްލުވާ ތަނެއް ނުފެނެ އެވެ. މި ދެގައުމު އަބަދު ވެސް އޮންނަނީ ކޮންމެވެސް ކަމަކާ ތޮޅިލަ ތޮޅިލަ އެވެ.

ރަޝިއާއިން ވެސް އޮތީ އެމެރިކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. ރަޝިއާގައި ހުންނަ އެމެރިކާ އެމްބަސީގައި ރަޝިއާ މީހުން ނުވަތަ ތިންވަނަ ގައުމެއްގެ މީހަކު ވަޒިފާ އަދާކުރުން އޮތީ ހަރުކަށިކޮށްފަ އެވެ.

ރަޝިއާގައި ހަރަކާތްތެރިވާ އެހީދޭ ޖަމާއަތްތަކުން އަދި އެކި ކަހަލަ ހަރަކާތްތައް ޕްރޮމޯޓްކުރަން މަސައްކަތްކުރާ ކުދިކުދި ޖަމާއަތްތައް ރަޝިއާގައި ހަރަކާތްތެރި ނުވެވޭ ގޮތް އޮތީ ހަދާފަ އެވެ.