އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރީގެ ހިސާބުކިތާބު އޮޅުވާލެއްވިކަން އޮތީ ސާބިތުވެފަ އެވެ. އަހްލާގީ ގޮތުން ދަރަޖަ ދަށް މުއާމަލާތްތަކެއް ހިންގަވާފައިވާކަން ވެސް އޮތީ ސާބިތުވެފަ އެވެ.
މި މައްސަލަ އޮއްބާލައި ކޯޓުން ބޭރުކޮށްދެއްވުމަށް ޓްރަމްޕް އެދިވަޑައިގަތް ނަމަވެސް ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވި މެންހަޓަންގެ ފަނޑިޔާރު ޖުއާން މާޗަން ވަނީ އެ ކަމަށް އިންކާރު ކުރައްވާފަ އެވެ.
އެމެރިކާގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވަޑައިގެން ހުންނެވި ޑޮނަލްޑް ޓްރަމްޕަށް މިހާރު ޖެހިވަޑައިގެންފައި އޮތީ ފަނޑިޔާރު ތާވަލުކުރައްވާފައި އޮތް ގޮތަށް ޖެނުއަރީ 10 ގައި ކޯޓަށް ހާޒިރުވެވަޑައިގަތުމެވެ.
ފަނޑިޔާރު ޖުއާން މާޗަން ވިދާޅުވި ގޮތުން ހުކުމް އިއްވުމުގައި ޑޮނަލްޑް ޓްރަމްޕަށް ލުއިތަކެއް އޮންނާނެ އެވެ. މި ގޮތުން ކޯޓަށް ހާޒިރުވެވަޑައިގަތުމުގައި، އެއް ގޮތަކީ އޮންލައިކޮށް ބައިވެރިވެވަޑައިގަތުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ޓްރަމްޕް އަމިއްލަ ނަފުސަށް ކޯޓަށް ވަޑައިގަތް ނަމަވެސް އެއްވެސް ޝަރުތެއް ނެތި ކޯޓުން ދޫކޮށްލާނެ ކަމަށާއި ޖަލު ހުކުމެއް ނާންނާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުން ޓްރަމްޕަކީ މިހާރު އިންތިހާބީ ރައީސެކެވެ. މިހެން ކަން އޮތުމުން ރައީސްގެ ހުވައިކުރައްވާ ވަގުތުން ފެށިގެން އޭނާއަށް ހިމާޔަތްތަކެއް ލިބިވަޑައިގަންނަވާނެ އެވެ.
ނަމަވެސް ކޯޓުގައި އޮތީ ޓްރަމްޕާ ގުޅޭ މައްސަލައެއް ކަމަށްވާތީ ޓްރަމްޕް ހުވައިކުރެއްވުމުގެ ކުރިން ހުކުމް އިއްވުން އަވަސްކުރެއްވީ ކަމަށްވެސް ޖުއާން ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވައިކުރައްވާނީ މި މަހު 20 ގައެވެ.
ޓްރަމްޕްގެ ގާނޫނީ ޓީމުން ދެކޭ ގޮތުގައި ހުކުމްކުރުން އަވަސްކޮށް ޓްރަމްޕާ މެދު އަމަލުކުރެވެމުން ދަނީ ސިޔާސީ ރޭވުންތަކަކުންނެވެ. އަދި އެއީ ވާދަވެރިން އަޑީގައި ތިބގެން ޓްރަމްޕްގެ އަބުރު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް އެ ޓީމުން ތުހުމަތުކުރެ އެވެ.
ޓްރަމްޕަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުރި ނަމަވެސް އަދި ޝަރީއަތުން ގޮތެއް ނިންމަޖެހޭ މައްސަލަތަކެއް ހުރި ނަމަވެސް މިއީ އެކަމަށް އޮތް ވަގުތު ނޫން ކަމަށް ގާނޫނީ ޓީމުން ދެކެ އެވެ.
އެމެރިކާގެ ކޯޓުތައް ހިންގަނީ ޓްރަމްޕާ ދެކޮޅަށް ކަމަށްވެސް ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.