ފިނޭންސް މިނިސްޓްރީ

އޮލިމްޕަހާއި ވެލާނާގެ ރަހުނުކުރާ ވާހަކަ ދޮގުކޮށްފި

Aug 3, 2021
2

ދިވެހި ސަރުކާރުން ލޯނެއް ނެގުމަށްޓަކައި ރަހުނު ކުރާ މުދަލެއްގެ ގޮތުގައި އޮލިމްޕަހާއި ވެލާނާގެ ހަމަޖައްސަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ނަން ނުޖެހުމަށް ޝަރުތުކޮށް ފިނޭންސުގެ އޮފިޝަލަކު ވިދާޅުވީ އޮލިމްޕަހާއި ވެލާނާގެއާ ގުޅުވައިގެން މީޑިއާގައި ރިޕޯޓް ކުރާ މައުލޫމާތަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ލޯނެއް ނަގަން ދައުލަތުގެ މުދަލެއް ރަހުނު ކުރާ ނަމަ އެ ވާހަކަ އާންމުކޮށް ބުނާނަން. ދެކެވެމުން އެދަނީ ހިނގާ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ނަގަން އުޅޭ ލޯނަކަށް އޮލިމްޕަހާއި ވެލާނާގެ ރަހުނުކުރާ ވާހަކަ ދޮގުކުރި އިރު މީގެކުރިން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ލޯން ނެގި ކަމަށް ބުނާ ވާހަކަތައް ވެސް ފިނޭންސުން ދޮގުކޮށްފައިވެ އެވެ.

އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ވިއްކި ސުކޫކުން 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން ހޯދާފައިވެ އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ދިމާވި ކޮވިޑުގެ ދަތިތަކާ އެކު އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި ގިނަ އަދަދެއް ލޯން ނަގާފައިވެ އެވެ. އަދި އިގްތިސޯދީ ދަތިތަކާ ގުޅިގެން ބައެއް ލޯންތައް ދައްކަން ޖެހޭ މުއްދަތު ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.