ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއްގެ ހަމަލާ؛ ހަތަރު މީހުންނަށް 13 ދައުވާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް 13 ދައުވާއެއް އުފުލައިފި އެވެ.

މެެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.

އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.

މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަދި ހަމަލާ ރޭވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށް ފުލުހުން ބުންޏެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މިއަދު ބޭއްވެވި ނޫސްވެެރިންގެ ބައްދަލްވުމުގައި ވިދާޅުވީ މި ހަތަރު މީހުންގެ މައްޗަށް ޖުމްލަ 13 ދައުވާއެއް އުފުލާ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ނޫކުލައިގެ ހޮންޑާ ވޭވް 125 އެސް ސައިކަލުގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް އެއް ހަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ މަގްސަދުގައި ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް މުހައްމަދު ނަޝީދުގެ ހަށިގަނޑަށް ބޮޑު އަނިޔާތަކެއް ލިބިފައިވާތީ އާއި އެވަގުތު އެސަރަހައްދުގައި ތިބި އިތުރު ބައެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކޮށްފައިވާތީ އެވެ.

މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެ ކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެ އެވެ.