ކުރީގެ ރައީސް އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓަރު މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު މ. ކިނބިގަސްދޮށުގެ އަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުން ދިން މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ މައްސަލަ ފުލުހާއި ކޯޓަށްވެސް ވަނީ ހުށައަޅާފައެވެ.
އެ ފައިސާ އަނބުރާ ހޯއްދަވަން ކޯޓަށް ހުށައެޅުއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އޭގެ ފަހުން ތަފާތު އެކި ގޮތްގޮތަށް ޖާބިރު ގެންދަވަނީ މައުމޫނާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވަނީ އެ ފައިސާގެ ބަދަލުގައި މައުމޫންގެ ގެކޮޅުގެ ރަޖިސްޓްރީ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މިއަދު އޭނާ ވަނީ ކިނބިގަސްދޮށުގެ ކައިރިއަށް ގޮސް އެ ގެއާއި ހަވާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގޭގެ ބޭރަށް ފެންނަން ހުރި ބައެއް ވެޔޮތަކަށް ގެއްލުން ދީފައިވެއެވެ.
އެކަމާއި ގުޅިގެން އެއްވެސް ކަމެއް ބަލަމުންދޭތޯ ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ބުނީ އެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.
ރައީސް މައުމޫނާއި ގުޅޭގޮތުން ޖާބިރު ދައްކަވާ ވާހަކަތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފައެވެ.