މޯލްޑިވްސް ޕޮލިސް ސާވިސް

ބޮޑުމޮހޮރާގައި ބަނގުރާ ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ވ. ބޮޑުމޮހޮރާގައި ބަނގުރާ ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ލަކްސް ގާޑަން، އަހުމަދު އަޝްރަފް (43އ) އާއި ގދ. ތިނަދޫ ބްލޫހެވަންއާގެ، އަމްޖަދު މުހައްމަދު (50އ) އަދި ސްރީލަންކާގެ މީހެއް ކަމަށްވާ ނަލިން އިންޑިކާ ކޮޑިކާރަ (53އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އެ ރަށް ބަލައިފާސްކުރިއިރު 24 ފުޅި ބަނގުރާ ފެނިފައިވެ އެވެ.

ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހިއްސާވާ ކުންފުންޏަކާ 2020 ވަނަ އަހަރު ހަވާލުކުރި އެވެ. އޭގެ ފަހުން އެރަށުގެ މެނޭޖްމަންޓް އެހެން ބަޔަކާ ހަވާލުވިކަން އެނގޭކަށް ނެތެވެ.