ދިޔާނާ ސައީދު

ފާރިސްގެ މައްސަލަ: ބަޔާނަކާއެކު ދިޔާނާ ފުލުހަށް ހެކި ހުށަހަޅުއްވައިފި

Jan 30, 2021
13

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނާ ދެކޮޅަށް ޕޮލިހަށް ހުށަހަޅާފައިވާ މައްސަލާގައި އެކަމަނާ ހާޒިރުކޮށް ބަޔާނެއް ނަގައިފި އެވެ.

ފާރިސްގެ މައްސަލައެއް ދިޔާނާ ފުލުހަށް ހުށަހެއްޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް ފާރިސް އާ ހަވާލު ކުރުމުން އެ ފައިސާ ރައީސް މައުމޫނަށް ލިބި ވަޑައި ނުގަންނަވާ ކަމަށް ވިދާޅުވާތީ، ދަރިކަލުން ފާރިސް އެ ފައިސާއަށް ހިޔާނަތްތެރިވެ ވަޑައިގެންފައިވާ ކަމަށް ބުނެ އެވެ.

މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ މިހާތަނަށް ވެސް ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. އަދި އެ ފައިސާ އަނބުރާ ހޯއްދަވަން 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފައި ވެއެވެ.

ދިޔާނާ މިއަދު ވިދާޅުވީ އެ މައްސަލަ އެކަމަނާ މި މަހުގެ 23 ވަނަ ދުވަހު ފުލުހަށް ހުށަހެޅުއްވުމުން މިއަދު ހާޒިރުކޮށް ފުލުހުންގެ ތަހުގީގަށް ބަޔާނެއް ހޯއްދަވާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ބައެއް ހެކި ވެސް ފުލުހަށް ދެއްވާފައިވާނެ ކަމަށެވެ.

"މި މައްސަލާގައި މިއަދު އަޅުގަނޑު ހާޒިރުކޮށް ވަނީ ބަޔާން ނަގާފައި. އަދި އަޅުގަނޑު ވާނީ މިއަދު ބައެއް ހެކިވެސް ފުލުހަށް ހުށަހަޅާފައި... މައްސަލައާ ގުޅޭ ހުރިހާ ހެއްކެތް އަޅުގަނޑުގެ އަތުގައި އެބަހުރި އެކަމަކު މިއަދު ފުލުހަށް ހަވާލު ކުރީ މިވަގުތަށް ކޮންމެހެން ބޭނުން ވާނެ ހެކި،" ދިޔާނާ ވިދާޅުވި އެވެ. "އަޅުގަނޑު ދެންނެވިން ހުރިހާ ހެއްކެއް މިއަދު ނެތޭ ދެވޭކަށެއް. މައްސަލަ ހިނގައިގަނެ ކުރިޔަށް ދާ މިންވަރެއްގެ މައްޗަށް އިތުރު ހެކި ހުށަހަޅަމުން ގެންދާނަމޭ،"

ދިޔާނާ ވިދާޅުވީ މިއަދު ބަޔާނެއް ދެއްވީ ފައިސާގެ އެ މުއާމަލާތް ހިނގައި ދިޔަ ގޮތުގެ މައްޗަށް ކަމަށާއި އެ ތަފުސީލްތައް ފަހުން މިޑިއާގައި ހާމަ ކުރައްވަމުން ވެސް ގެންދަވާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތަށް ކަމަށް ވިދާޅުވެ، ރައީސް މައުމޫން އެ ކަމަނާގެ ފިރިކަލުން ޖާބިރު އަތްޕުޅުން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑު ބައެއް ރައީސް މައުމޫނާ ހަވާލު ކުރަން ޖާބިރު ދެއްވީ ފާރިސްގެ އަތްޕުޅަށެވެ. އެ ގޮތުން، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މައުމޫން ވިދާޅު ވެގެން ދަރިކަލުން ފާރިސްއާ ހެކި ހިމެނޭ ގޮތަށް ހަވާލު ކުރި އެވެ.

އެ ފައިސާ ހަވާލު ކުރުމުގެ ކުރިން މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވެސް އިންނެވި ކަމަށާއި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގޭގެ ރަޖިސްޓަރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ނަމަވެސް، ގެރެންޓީއެއްގެ ގޮތުގައި މައުމޫންގެ ބަސްފުޅު ފުދޭ ކަމަށް ވިދާޅުވެ، ރަޖިސްޓްރީ ޖާބިރު ނަންގަވާފައެއް ނުވޭ،" ދިޔާނާ ވިދާޅުވި އެވެ.