ހަބަރު

ފާރިސްގެ މައްސަލަ ދިޔާނާ ފުލުހަށް ހުށަހަޅައިފި

Jan 23, 2021
15

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް އެމަނިކުފާނަށް ރައްދު ކުރަން ހަވާލުވެ ވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫން ކަމަށާއި، އެ ފައިސާ މައުމޫނަށް ނުލިބޭ ކަމަށް ވިދާޅުވާތީ، އެ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ބުނެ ފާރިސްގެ މައްސަލަ ބަލައިދޭން ޖާބިރުގެ އަނބި ކަނބަލުން ފާތުމަތު ދިޔާނާ ސައީދު ފުލުހަށް ހުށަހަޅައިފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

އެ ފައިސާ އަނބުރާ ހޯއްދަވަން 2019 ވަނަ އަހަރުގެ ފަހުކޮޅު ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.

އެކަމާ ގުޅިގެން، ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ވިދާޅުވީ، ސިޔާސީ މަސައްކަތަށް ކަމަށް ވިދާޅުވެ، މައުމޫން ޖާބިރު އަތުން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑުބައެއް އެ ފަރާތާ ހަވާލުކުރުމަށް ޖާބިރު އޭނާއާ ހަވާލު ކުރެއްވި ކަމަށެވެ.

މިގޮތުން، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މައުމޫން ވިދާޅުވި ގޮތުގެ މަތިން، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންނާ ހަވާލު ކުރެއްވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

އަދި އެ ފައިސާ ހަވާލު ކުރުމުގެ ކުރިން، މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވެސް އިންނެވި ކަމަށާއި، އަދި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށެވެ.

ނަމަވެސް، ގެރެންޓީއެއްގެ ގޮތުގައި މައުމޫންގެ ބަސްފުޅު ފުދޭ ކަމަށް ވިދާޅުވެ، ރަޖިސްޓްރީ ޖާބިރު ނަންގަވާފައި ނުވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި، ޖާބިރު ދެއްވި ފައިސާ މައުމޫނަށް ލިބިވަޑައި ނުގަންނަވާނަމަ، އެ ފައިސާއަށް ހިޔާނަތްތެރިވެފައި ވަނީ ފާރިސް އެވެ. އަދި އެ މައްސަލަ އަވަސް ގޮތަކަށް ބައްލަވައި، އެ ފައިސާއަށް ވީގޮތެއް ނުހޯދައިފިނަމަ، އެ ހިޔާނަތް ރައްދުވާނީ އޭނާއަށް ކަމަށް، އެ މައްސަލަ ހުށަހަޅުއްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި، ދިޔާނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފާރިސްގެ މައްސަލަ އަވަހަށް ބައްލަވައި ދެއްވުމަށް ދިޔާނާގެ ސިޓީގައި އެދިވަޑައިގެންފައިވާއިރު، އެކަން ސާބިތުކުރުމަށް ތަހުގީގަށް ހެކި ހުށަހަޅުއްވާނެކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.