ކުރީގެ ރައީސް އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، މ. ކިނބިގަސްދޮށުގެ އަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުން ދިން މައްސަލަ ބަލާއިރު ރައީސް މައުމޫން، މީހުންނަށް ދީފައިވާ ގެއްލުންތައް ވެސް ބަލަންޖެހޭނެ ކަމަށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވީ ކިނބިގަސްދޮށުގެ ޖާބިރު ގެއްލުން ދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އަވަސްގައި ލިޔުނު ހަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
ދިޔާނާ ވިދާޅުވީ ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުމެއް ދީގެން އެ މައްސަލަ ފުލުހުން ބަލާނަމަ ރައީސް މައުމޫން، ޖާބިރަށް ދީފައިވާ ގެއްލުމުގެ މައްސަލަ ވެސް ބަލަންވާނެ ކަމަށެވެ.
ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ފުލުހުން ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް މައުމޫންގެ ފަރާތްޕުޅުން ޖާބިރަށް ލިބުނު ގެއްލުމާ ގުޅޭ މައްސަލަ ފުލުހަށް ހުށަހެޅިތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އެހެންކަމުން ދިޔާނާ އެދިވަޑައިގެންފައިވަނީ ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި ގެއްލުމެއް ބެލޭނަމަ ރައީސް މައުމޫން، އެހެން މީހުންނަށް ދީފައިވާ ބޮޑެތި ގެއްލުންތައް ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވުމަށްފަހު އެ ފައިސާ ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ މައްސަލަ ފުލުހާއި ކޯޓަށްވެސް ހުށަހެޅުއްވި އެވެ.
ފައިސާ އަނބުރާ ހޯއްދަވަން ކޯޓަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭގެ ފަހުން ތަފާތު އެކި ގޮތްގޮތަށް ޖާބިރު ގެންދަވަނީ ރައީށް މައުމޫނާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ޖާބިރު ވަނީ އެ ފައިސާގެ ބަދަލުގައި ރައީސް މައުމޫންގެ ގެކޮޅު. ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ޖާބިރު ވަނީ ކިނބިގަސްދޮށުގެ ކައިރިއަށް ގޮސް އެ ގެއާއި ހަވާލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގޭގެ ބޭރަށް ފެންނަން ހުރި ބައެއް ވެޔޮތަކަށް ގެއްލުން ދީފައިވެ އެވެ.
ރައީސް މައުމޫނާއި ގުޅޭގޮތުން ޖާބިރު ދައްކަވާ ވާހަކަތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފަ އެވެ.