ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން އަނބުރާ ދައްކަވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެންގެވި ކަމަށް އޭނާ ވިދާޅުވާ 29 މިލިއަން ރުފިޔާ މައާފުކޮށް، ފުލުހަށް ހުށަހެޅުއްވި މައްސަލަ ނަންގަވަން ޖާބިރު ނިންމަވައިފި އެވެ.
ރައީސް މައުމޫނާ ދެކޮޅަށް ފުލުހަށް ޖާބިރު މައްސަލައެއް ހުށަހެޅުއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ ވާހަކަތައް ރައީސް މައުމޫން ދޮގު ކުރެއްވި އެވެ.
ޖާބިރު މިއަދު "އަވަސް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ މަންމާފުޅު މަރިޔަމް މަނިކުގެ ވެސް އެދިވަޑައިގަތުމުގެ މަތިން ރައީސް މައުމޫނަށް މައާފު ކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ފުލުހަށް ހުށަހަޅުއްވާފައިވާ މައްސަލަ ވެސް ނަންގަވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ރައީސް މައުމޫނަށް އަޅުގަނޑު މި ވަނީ މައާފު ކޮށްފައި، އެމަނިކުފާނު އަޅުގަނޑަށް ދައްކަވަން ޖެހޭ ލޯނެއް ނޯންނާނެ ދެން، އެ މައްސަލަ މި ހިސާބުން ނިމުނީ،" ޖާބިރު ވިދާޅުވި އެވެ.
ރައީސް މައުމޫނާ ދެކޮޅަށް ޖާބިރު މައްސަލަ ހުށަހެޅުއްވުމުން އެންމެ ފުރަތަމަ ފުލުހުން އެ މައްސަލަ ނުބަލަން ނިންމި އެވެ. އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުއްވުމުން ފުލުހުން ޖާބިރަަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމައްސަލަ ކުރިޔަށް ނުގެންދަން ނިންމާފައިވަނީ ހެކި ހުށަހަޅާފައި ނުވުމުން ކަމަށެވެ.
ފަހުން ޖާބިރު ވަނީ 12 ހެއްކާއެކު އަލުން އެ މައްސަލަ ފުލުހަށް ހުށަހަޅުއްވައިފަ އެވެ. ދެން ބަޔާން ނެގުމަށް ފުލުހުންގެ އިދާރާއަށް ޖާބިރު ހާޒިރު ވެސް ކުރި އެވެ. ނަމަވެސް ރައީސް މައުމޫން ނެތި ފުލުހަށް ބަޔާން ދިނުމުގައި އެއްވެސް ވާހަކައެއް ދެއްކެވުމަށް ޖާބިރު އެ ފަހަރު ދެކޮޅު ހެއްދެވި އެވެ.
ޖާބިރު މީގެ ކުރިން "އަވަސް" އަަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކަމަށް ވިދާޅުވެ، ރައީސް މައުމޫން އޭނާގެ އަތުން އެކި ފަހަރު މަތިން 29 މިލިިއަން ރުފިޔާ ނަންގަވާފައިވާ ކަމަށެވެ. އެ ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި ފަހުން ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށް ޖާބިރު އޭރު ވިދާޅުވެފައިވެ އެވެ.