ހަބަރު

ރައީސް މައުމޫންގެ މައްސަލަ ނުބަލަން ނިންމުމުން ހެއްކާއެކު އަލުން ހުށަހަޅައިފި

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވުގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅަށް ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމުމުން ހެއްކާއެކު އަލުން އެމައްސަލަ ޖާބިރު ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ޖާބިރު މީގެ ކުރިން އަވަސް އަަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކަމަށް ވިދާޅުވެ، ރައީސް މައުމޫން އޭނާގެ އަތުން އެކި ފަހަރު މަތިން 29 މިލިިއަން ރުފިޔާ ނަންގަވާފައިވާ ކަމަށެވެ. އަދި އެފައިސާ އަނބުރާ ހޯދަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުން އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެ ފައިސާ ހޯއްދަވަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި، ރައީސް މައުމޫނާ ބައްދަލު ކުރައްވަން އެކި ފަހަރު މަތިން މަސައްކަތް ކުރެއްވި އިރު ފޯނަށްވެސް ޖަވާބު ނުދެއްވާ ކަމަށެވެ.

އެމައްސަލައިގައި ފުލުހުން ޖާބިރަަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމައްސަލަ ކުރިޔަށް ނުގެންދަން ނިންމާފައިވަނީ ހެކި ހުށަހަޅާފައި ނުވުމުން ކަމަށެވެ. ޖާބިރު ވިދާޅުވީ މީގެ ކުރިން ފުލުހުން އަމަލު ކުރާ ގޮތަކީ މައްސަލައެއް ހުށަހެޅުމުން ތަހުގީގުކޮށް ހެކި ހޯދުން ކަމަށާއި، އެހެން ނަމަވެސް މި މައްސަލައިގައި އެކަން ނުކޮށް ނުބަލަން ނިންމީ ކަމަށެވެ. އެހެންވެ، 12 ހެއްކަކާއެކު އެމައްސަލަ އަލުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ރައީސް މައުމޫންގެ އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވަނީ އެ މައްސަލައިގައި މީގެ ކުރިން ވެސް ނެރުނު ބަޔާން ތަކުރާރު ކުރައްވައި، ރައީސް މައުމޫން ޖާބިރުގެ އަތުން އެއްވެސް ފައިސާއެއް ނަގާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.