ހަބަރު

ރައީސް މައުމޫން މައްސަލަ، ޖާބިރު ޕޮލިހަށް

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބުދުﷲ ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވުގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައްސަލައެއް ޖާބިރު ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ޖާބިރު އަވަސް އަަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކަމަށް ވިދާޅުވެ، ރައީސް މައުމޫން އޭނާގެ އަތުން އެކި ފަހަރު މަތިން 29 މިލިިއަން ރުފިޔާ ނަންގަވާފައިވާ ކަމަށެވެ. އަދި އެފައިސާ އަނބުރާ ހޯދަން ކުރެއްވި މަސައްކަތް ނާކާމިޔާބު ނުވުމުން އެ މައްސަލަ ފުލުހަށް ހުށަހެޅުއްވެވީ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެ ފައިސާ ހޯއްދަވަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި، ރައީސް މައުމޫނާ ބައްދަލު ކުރައްވަން އެކި ފަހަރު މަތިން މަސައްކަތް ކުރެއްވި އިރު ފޯނަށްވެސް ޖަވާބު ނުދެއްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ފައިސާ ނެންގެވި އަދަދުތަކާއި، ފައިސާ ހިފައިގެން ދިޔަ މީހުންނާއި، ހަވާލުވި މީހުންނާއި، އެ ހުރިހާ ކަމެއް ޑޮކިއުމަންޓް ކުރެވިފައިވާ ކަމަށާއި، މައްސަލަ ހުށަހަޅާފައި ވަނީ ހުރިހާ ހެކިތަކާއެކުގައި ކަމަށެވެ. މީގެ އިތުރުން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ސަރުކާރުގެ ބައިވެރިއެއް ނަމަވެސް، ރައީސް މައުމޫނާއި ދެކޮޅަށް މި ހުށަހެޅި މައްސަލަ ފުލުހުން އަދުލުވެރި ކަމާއެކު ބައްލަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ރައީސް މައުމޫންގެ އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އަބުދުލް އަލީމް ވިދާޅުވީ، އެ މައްސަލައިގައި މީގެ ކުރިން ވެސް ނެރުނު ބަޔާނުގައި ބުނެފައިވާފަދައިން ރައީސް މައުމޫން ޖާބިރުގެ އަތުން އެއްވެސް ފައިސާއެއް ނަގާފައި ނުވާނެ ކަމަށެވެ.