ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްއީއޯސީ

ޕީސީއާރް ޓެސްޓު ނުހަދާ ރަށްތަކަށް ދަތުރުކުރެވޭނެ އުސޫލެއް ހަމަޖައްސައިފި

Aug 5, 2021

ޕީސީއާރް ޓެސްޓް ހަދަން ނުޖެހި ބައެއް ރަށްތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ނިންމައިފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ އެ ނިންމުމަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޕީސީއާރް ޓެސްޓް ހަދަން ނުޖެހި ރަށްތަކަށް ދަތުރުކުރެވޭނެ ގޮތްތަކުގެ ތަފްސީލް ވެސް ޑރ. ނަޒްލާ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޖަހާ އުމުރަކަށް ވެގެންދާނީ 12 އަހަރުން މަތި ކަމަށެވެ. އެހެންވެ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީ އަކަށް ބަލާނީ ވެސް 12 އަހަރުން މަތި ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާބާދީގެ ފަސް ޕަސަންޓަށް ވުރެ މަދުން ކޮވިޑް 19ގެ ބަލީގެ މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓް ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓަކާ ނުލައި ސެޕްޓެމްބަރު އެކަކުން ފެށިގެން ދަތުރުކުރެވޭނެ ކަމަށެވެ. އަދި އެ މީހަކު އެދާ ރަށެއްގެ އާބާދީގައި ހިމެނޭ 65 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނާއި، އެ ރަށެއްގައި ގެސްޓްހައުސް ހިންގާނަމަ އެ މަސައްކަތުގައި ބައިވެރިވާ ޖުމްލަ މުވައްޒަފުންގެ 90 ޕަސަންޓް މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ.

މީގެކުރިން ބަލި އުޅޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓެއް ހަދަން މަޖުބޫރުކޮށްފައިވެ އެވެ.

ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރު ފުރައިގެ މީހަކު ވެކްސިން ނުޖަހާ ހުރެ ކޮވިޑް ބަލި އުޅޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން މިހާރެކޭ ވެސް އެއްގޮތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވަނީ މައުލޫމާތު ދެއްވާފަ އެވެ. އަދި އެފަދަ މީހުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ގެއިން ބޭރަށް ނިކުތުމަށްޓަކައި ހަދައި ޕީސީއާރް ޓެސްޓް އެކެއް ސެޕްޓެމްބަރުން ފެށިގެން ހެދޭނީ އެމީހަކު އަމިއްލަ އަށް ހަރަދު ކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވަނީ ދިރިއުޅުން އާންމު ހާލަތަކަށް ގެނެސް ސިއްހީ ރައްކާތެރިކަމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ވީހާވެސް އަވަހަށް ފުރިހަމަކުރުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.