އަވަށްޓެރި ސްރީލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރުމުން ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި އެވެ.
ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓް ނުވެވިވެގެން އިއްޔެ ބަޔަކު ވަނީ މަރުވެސް ވެފަ އެވެ.
ލަންކާގެ ޓީވީ އެކްޓަރު ތިލަކްޝަނީ މަޑުވަންތީ ވަނީ ލަންކާގެ ސަރުކާރު ހޮސްޕިޓަލެއްގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއްވެސް އާންމުކޮށްފަ އެވެ. އެގޮތުން އެއް އެނދެއްގައި ތިން މީހަކު އޮންނަތަންވެސް ބައެއް ފޮޓޯތަކުން ފެނެ އެވެ.
ތިލަކްޝަނީ ބުނީ ކޮވިޑް ބަލީގެ ދެ މީހަކު މަރުވީ އޭނާގެ ލޯ ކުރިމަތީގައި ކަމަށެވެ. އޭގެ އިތުރުން ހޮސްޕިޓަލްތަކުގައި ޖާގަ ނެތިގެން ގަސްތަކުގެ ދަށުގައިވެސް މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ.
"މީގެ ކުރިން އިންޑިއާގެ ހާލަތު ގޯސްވީ. ހޮސްޕިޓަލްތައް ފުރި މީހުން މަރުވާތަން މިހާރު ފެންނަމުންދަނީ މި ގައުމު [ލަންކާ]ގައި މިހާރު" ތިލަކްޝަނީ ބުންޏެވެ.
ލަންކާގެ ދެކުނު ޕްރޮވިންސެއްގެ މައި ހޮސްޕިޓަލްގެ 129 އެނދު ހުއްޓަސް އެތަނުގައި 220 މީހުން ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި ރަޓްނަޕޫރާ ހޮސްޕިޓަލުގައި 70 އެނދު ހުއްޓަސް 100 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ލަންކާގައި ވެކްސިން ދޭން ފެށުމާއެކު ކުރިން އެޅި ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ މަހުން ފެށިގެން ވަނީ ލުއި ދޭން ފަށާފަ އެވެ. އެކަމަކު ލުއިތަކާ އެކު ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން އަނެއްކާވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެއްވުންތައް ވަނީ މަނާކޮށްފަ އެވެ. އަދި ސަރުކާރު މުވައްޒަފުން އޮފީސްތަކަށް ހާޒިރުކުރަން ނިންމާފައި އޮތް ނިންމުން މުރާޖާކޮށް އަނެއްކާވެސް ގޭގައި ތިބެގެން މަަސައްކަތް ކުރުވަން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ޖަނާޒާތަކުގައި އެންމެ 15 މީހުންނަށް އަދި ކައިވެނީގެ ހަފްލާތަކުގައި އެންމެ 150 މީހުންނަށް ބައިވެރިވެވޭ ގޮތަށް ވެސް ވަނީ ހަދާފަ ވެ.
ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 324،000 އަށް ވުރެ ގިނަ އިރު ބަލީގައި 4919 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް މަރުތަކުގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
ލަންކާގައި ދުވާލަކު ފެންނަ ކޮވިޑްގެ ކޭސްތައް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އުޅެނީ 2000 އިން މަތީގަ އެވެ. އެގޮތުން އިއްޔެވެސް 2794 ކޭސް ފެނިފައިވެ އެވެ.
އަވައްޓެރި ލަންކާގައި ގިނަ އަދަދެއްގެ ދިވެހީންވެސް ދިރި އުޅެމުންދެ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ލަންކާގެ ކޮވިޑްގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސެއްގެ ހާލު ގޯސްވިކަން އެނގިފައި ނުވާ ކަމަށެވެ.