ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާއިން އީ-ވިސާ ދޫކުރުން ވެސް މެދުކަނޑާލައިފި

Mar 18, 2020
1

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހުރިހާ ކެޓެގަރީއެއްގެ ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ލަންކާ އިން މިހާރުވެސް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާއިރު، މާދަމާގެ ލަންކާ ގަޑިން ފަތިހު 4:00 އިން އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ ދޫކުރުން މެދުކަނޑާލާނެ އެވެ.

އަދި އެ ކެޓަގަރީތަކުގެ ތެރެއިން ވިސާ ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން ލަންކާއަށް ދަތުރު ކޮށްފައިނުވާނަމަ، މި ވިސާތައްވެސް އެ ވަގުތުން ފެށިގެން މާޗް 25 އާ ހަމައަށް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެއާއެކު، އެއްވެސް ހާލަތެއްގައި ފަތުރުވެރިންނާއި ބިދޭސިން މި މުއްދަތުގެ ތެރޭގައި ސްރީލަންކާއަށް ދަތުރު ނުކުރެވޭނެ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، މިވަގުތު ލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ."

ލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.

ކޮވިޑް-19 އަށް ލަންކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 50 އަށް އަރާފައިވާއިރު، އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުން ވަނީ ސްކޫލްތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން، ޒޫތަކާއި ސިނަމާތައްވެސް ބަންދުކޮށްފަ އެވެ.