ކޮލޮމްބޯ (މާޗް 24) - ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެން ސްރީލަންކާގައި މިހާރު އިއުލާނު ކޮށްފައިވާ ކާފިއުގެ މުއްދަތު އެ ގައުމުގެ ސަރުކާރުން އިތުރުކޮށްފި އެވެ.
މިދިޔަ ހަފުތާގައި އިއުލާނުކުރި ކާފިއުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވާއިރު، އަށް ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދުތަކަށް އެ މުއްދަތު ވަނީ ބުރާސްފަތި ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.
ވެރިރަށް ކޮލޮމްބޯ ހިމެނޭ ގޮތަށް އަށް ޑިސްޓްރިކްޓެއްގައި ކާފިއުގެ މުއްދަތު ވަނީ ހުކުރު ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.
ލަންކާގައި މިދިޔަ ޖެނުއަރީ މަހު އެ ވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ފެނުނު ނަމަވެސް، ދެ ވަނަ މީހަކު ފެނިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހެވެ. ނަމަވެސް، ހޯމަ ދުވަހާ ހަމައަށް އެ އަދަދު 95 އަށް އިތުރު ވެފައިވާ ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޭގެ ތެރޭގައި ގިނައީ، އެ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ދެކުނު ކޮރެއާ އަދި އިޓަލީ ފަދަ ގައުމުތަކުން އެނބުރި އައި މީހުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެގޮތުން ލަންކާގެ އެކި ކަރަންޓީނު ފެސިލިޓީތަކުގައި 3،500 އަށް ވުރެ ގިނަ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭގެ ތެރޭގައި 14 ގައުމަކުން 35 ބިދޭސީން ވެސް ހިމެނެ އެވެ.
ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، ލަންކާގެ ހުރިހާ ބައިނަލްއަގުވާމީ އެއާޕޯޓުތައް މާދަމާގެ ނިޔަލަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ބަލި އެންމެ ބޮޑަށް ފެތުރޭ ގައުމުތަކުން އެނބުރި އަންނަ މީހުން 14 ދުވަހަށް ކަރަންޓީނުކުރުމަށް ވަނީ ނިންމައިފަ އެވެ.
ކާފިއު ހިންގާފައިވަނިކޮށް، ބޭރު ތެރެއަށް ނުކުމެ އުޅޭ މީހުން ލަންކާ ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ. އެގޮތުން، މިހާތަނަށް 2،000 އެއްހާ މީހުން ހައްޔަރުކޮށްފައިވާކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ.