ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި ތިބި ބޭރު މީހުނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދީފި

Mar 17, 2020

ކޮލޮމްބޯ (މާޗް 17) - ކޮވިޑް-19އާ ގުޅިގެން ސްރީލަންކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިވަގުތު އެކި ބޭނުންތަކުގައި އެ ގައުމުގައި ތިބި ބޭރު މީހުންގެ ވިސާ އާ ކުރަން ދަތިވާނެތީ، ބޭރު މީހުނަށް ދޫކޮށްފައިވާ ހުރިހާ ބާވަތެއްގެ ވިސާގެ މުއްދަތު އިތުރުކޮށްދީފި އެވެ.

ލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކި ބޭނުންތަކުގައި ލަންކާގައި މިވަގުތު ތިބި ހުރިހާ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދެވިފައިވާ ކަމަށެވެ.

އެގޮތުން، މާޗް 14 އިން ފެށިގެން އޭޕްރީލް 12 އާ ހަމައަށް އިތުރުކޮށްދީފައިވަނީ ބޭރު މީހުނަށް ދޫކޮށްފައިވާ ހުރިހާ ބާވަތެއްގެ ވިސާގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އަދި ވިސާ ފީ ދެއްކުމާއި، ޕާސްޕޯޓުގައި ތައްގަނޑު ޖެހުމަށް އޭޕްރީލް އަށެއް ނުވަތަ ނުވަ ވަނަ ދުވަހު އިމިގްރޭޝަނަށް އައުމަށް ވަނީ އަންގައިފަ އެވެ. އެ މުއްދަތުގެ ކުރިން ލަންކާ އިން ފުރަން ބޭނުންވާ ފަރާތްތަކަށް، އެއަޕޯޓަށް ދިޔުމުން، ފީ ދެއްކުމާއި ވިސާ އެންޑޯސްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، ސްރީލަންކާއަށް އަންނަ ފްލައިޓުތައް ކެންސަލްކޮށް، އެ ގައުމުގެ މައި އެއާޕޯޓު ވަނީ ބަންދުކޮށްފަ އެވެ.

ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްސަ މިއަދު އިއުލާނުކުރެއްވި ގޮތުގައި، ލަންކާގެ މައި އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓެނޭޝަނަލް އެއާޕޯޓް (ބީއައިއޭ) މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ އެކަނިވެސް ލަންކާ އިން އިތުރު 10 މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ގައުމުގައި މިހާރު 29 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ.

ސަރުކާރުން މިހާރުވެސް ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް، އަސާސީ ހިދުމަތްތައްދޭ ތަންތަން ފިޔަވައި، އެހެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ޒޫތަކާއި މިއުޒިއަމްތައްވެސް ވަނީ ބަންދުކޮށްފަ އެވެ. ލަންކާގައި ކޮވިޑް-19 ފެތުރޭ ދަރަޖަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ މަތިކޮށްފަ އެވެ. ލަންކާގައި މިހާރު ކޮމިޔުނިޓީ ޓްރާންސްމިޝަން ކުރިމަތިވެފައިވާކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ. އޭގެ މާނައަކީ، ބަލި ޖެހިފައިވާ މީހަކާ ސީދާ ގުޅުމެއް ނުވަތަ ކޮންޓެކްޓެއްނެތް މީހަކަށް އެ ބަލި ފެތުރިގެންދާ ހާލަތެކެވެ.

އެކަމާއެކު ލަންކާ ސަރުކާރުން ވަނީ ޔޫކޭ، ބެލްޖިއަމް އަދި ނޯވޭ އިން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެ ތިން ގައުމުގެ އިތުރުން، ލަންކާ ސަރުކާރުން މީގެ ކުރިން ވަނީ ފްރާންސް، ސްޕެއިން، ޖަރުމަނު، ސްވިޓްޒަލެންޑް، ޑެންމާކް، ނެދާލެންޑްސް، ސްވީޑަން އަދި އޮސްޓްރިއާ އިން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

އަދި އެއްވެސް ގައުމަކުން އަންނަ މީހަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވެސް ލަންކާ އިން ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ އިތުރުން، ގައުމުން ބޭރުގައި މިވަގުތު ތިބި ރައްޔިތުން، އެނބުރި ލަންކާއަށް އައުން މަޑުޖައްސާލުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.