ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން ލަންކާއަށް 500 މިލިއަން ޑޮލަރުގެ ލޯނު އެހީ

Mar 19, 2020

ކޮލޮމްބޯ (މާޗް 19) - ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް، ޗައިނާ އިން 500 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހޯދާފައިވާކަމަށް ސްރީލަންކާ ސަރުކާރުން ހާމަކޮށްފި އެވެ.

ލަންކާ ސަރުކާރުގެ އެދުމުގެ މަތިން، ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއެކު އެ ލޯނު އެއްބަސްވުމެއްގައި ލަންކާގެ ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ހާޒިރުގައި ސޮއި ކުރެވުނު އެ އެއްބަސްވުމުގެ ދަށުން، ޗައިނާ އިން ވަރަށް ލުއި އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކޮށްފައިވަނީ 10 އަހަރުގެ މުއްދަތަށެވެ. ނަމަވެސް، އެ ލޯނު އަނބުރާ ދައްކަން ފަށަންޖެހޭނީ ތިން އަހަރު ފަހުންނެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ލޯނު އެހީ މިމަސް ތެރޭގައި ދައުލަތުގެ ރިޒާވް އިތުރު ކުރުމަށާއި، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ލަންކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 50 އަށް އަރާފައިވާއިރު، އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުން ވަނީ ސްކޫލްތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން، ޒޫތަކާއި ސިނަމާތައްވެސް ބަންދުކޮށްފަ އެވެ.

އަދި މިއަދުން ފެށިގެން އެހެން ގައުމުތަކުގެ މީހުނަށް އެތެރެވުން މަނާކޮށް، ލަންކާގެ ހުރިހާ އެއާޕޯޓުތަކެއް ވަނީ ދެ ހަފްތާއަށް ބަންދުކޮށްފަ އެވެ.