ފިނިޕޭޖް

އަޑެލްގެ އަލްބަމް "25" ރިކޯޑްމުގުރުމަކާ ދިމާލަށް

Nov 22, 2015

ގްރެމީ އާއި އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އަޑެލްގެ އާ އަލްބަމް "25" މިދިޔަ ހުކުރު ދުވަހު ބާޒާރަށް ނެރެފައިވާއިރު މި އަލްބަމްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނަމުން ދަނީ މިއީ ވެސް ރިކޯޑްތަކެއް މުގުރާނެ އަލްބަމެއް ކަމަށެވެ.

އަލްބަމްގެ ފުރަތަމަ ހަފުތާގައި މަދުވެގެން 2.5 މިލިއަން ކޮޕީސް ވިކޭނެ ކަމަށް މިއުޒިކް މެގަޒިން ބިލްބޯޑް އިން ލަފާކުރެ އެވެ. މި ލަފާކުރުމާ އެއްގޮތަށް އަޑެލްގެ އަލްބަމުގެ ވިޔަފާރި އަރައިގެން ގޮސްފި ނަމަ މިއީ އެމެރިކާގެ ކުރީގެ މަޝްހޫރު ބޯއި ބޭންޑް "އެންސިންކް" އިން ހަދާފައިވާ ރިކޯޑް މުގުރާލެވޭނެ ކަމެކެވެ.

އެ ބޭންޑުން 2000 ވަނަ އަހަރު ނެރުނު އެމީހުންގެ ދެ ވަނަ އަލްބަމް "ނޯ ސްޓްރިންގްސް އެޓޭޗްޑް" ގެ 2.4 މިލިއަން ކޮޕީސް ހަފުތާއެއްގެ ތެރޭގައި ވިކިފައިވާއިރު އަދިވެސް މި ރިކޯޑް އޮތީ އެމީހުންގެ އަތުގަ އެވެ.

އަޑެލްގެ އަލްބަމް މިދިޔަ ހުކުރު ދުވަހު ބާޒާރަށް ނެރުމާ އެކު 900،000 ކޮޕީސް ހަމައެކަނި އައިޓިއުންސްގައި ވެސް ވިކިފައިވެ އެވެ. ލަފާކުރާ ފަރާތްތަކުން ބުނަމުން ދަނީ މި ރޭޓުގައި އަޑެލްގެ އަލްބަމް ވިކެމުން ދާ ނަމަ މި އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު އަލްބަމްގެ ގޮތުގައި އޮތް ޓޭލާ ސްވިފްޓްގެ "1989" ގެ މައްޗަށް ވެސް ކުރި ހޯދާނެ ކަމަށެވެ.

އަޑެލްގެ އަލަތު އަލްބަމަކީ 2008 ވަނަ އަހަރު ނެރުނު "18" އެވެ. އޭނާގެ އަލްބަމްތަކަށް އަދަދުތަކުން ނަން ދީފައި ވަނީ އޭނާގެ އުމުރަށް ނިސްބަތް ކޮށެވެ. އެގޮތުން ކޮންމެ އަލްބަމަކަށް ނަން ދެނީ އެ އަލްބަމެއްގެ މަސައްކަތްކުރަމުންދާއިރު އޭނާގެ އުމުރުން ވެފައިވާ އަހަރަށް ނިސްބަތްކޮށެވެ.

އޭނާގެ ދެ ވަނަ އަލްބަމަކީ "21" އެވެ. މިއީ ހަ ގްރެމީ އެވޯޑް ހާސިލުކުރި އަލްބަމެކެވެ.

އަޑެލް އަށް އޮސްކާ އެވޯޑާއި ގޯލްޑެން ގްލޯބް ލިބިފައި ވަނީ 2013 ވަނަ އަހަރު ނެރުނު ޖޭމްސް ބޮންޑްގެ ފިލްމު "ސްކައިފޯލް" އަށް ކިޔައިދިން ތީމް ލަވައިންނެވެ.

އޭނާގެ ތިން ވަނަ އަލްބަމް ވިކެމުން އަންނައިރު މި އަލްބަމްގެ ސިންގަލްއެއްގެ ގޮތުގައި ނެރެފައިވާ "ހެލޯ" އަކީ ނިކަން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ލަވަ އެކެވެ.

މި އަލްބަމްގެ އެހެން ލަވައެއްކަމުގައިވާ "ވެން ވީވާ ޔަންގް" ވެސް ވަނީ މީގެ ހަތަރު ދުވަސްކުރިން އާންމުކޮށްފަ އެވެ.