ތުރާކުނު

ތުރާކުނުގެ ދެ ކައުންސިލަރަކު ޕީޕީއެމަށް ސޮއިކޮށްފި

ހއ. ތުރާކުނުގެ ދެ ކައުންސިލަރަކު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުގައިި މިއަދު ވަނީ ތުރާކުނަށް ވަޑައިގެންފަ އެވެ. ތުރާކުނަކީ ސައީދުގެ އުފަން ރަށެވެ.

މިއަދު ތުރާކުނުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ދެ ކައުންސިލަރުންނަކީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ތުރާކުނު ކައުންސިލަށް ހޮވި ވަޑައިގެންނެވި ތޯހާ އަލީ އަދި ހުސްނާ އިބްރާހިމް އެވެ.

ތުރާކުނު ކައުންސިލްގައި ތިއްބެވި ފަސް މެންބަރުންނަކީ އަމިއްލަ ދެ މެމްބަރުންނާއި ޕީޕީއެމްގެ ދެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރެކެވެ.

ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ކައުންސިލް މެމްބަރު ތޯހާ އަވަސްއަށް ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު އެކަށީގެންވާ ވަރަށް ތަރައްގީ ނާންނަ ކަމަށާއި އަދި ޕްރޮޖެކްޓްތައް ވެސް އޮތީ ހުއްޓިފައި ކަމަށެވެ.

"ކުރިން ވެސް އަޅުގަނޑު ހުރީ މިނިވަން މެމްބަރެއްގެ ގޮތުގައި ދެ ދައުރު. އޭރުވެސް ޕީޕީއެމްގެ ޕްރޮޖެކްޓްތައް ބަރާބަރަށް ކުރިއަށް ދޭ. ދެން މިހާރު ރައްޔިތުންގެ ޕްރެޝަރު އާދޭ. އެހެންވެ ޕީޕީއެމްއާ ގުޅުނީ" ތޯހާ ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބޭފުޅުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގައި މިވަގުތު އުޅުއްވަނީ ހއ. އަތޮޅުގަ އެވެ.