ރިޔާސީ އިންތިހާބު 2023

މިއީ މިހާތަނަށް އެންމެ ކުށް މަދު ފަސް އަހަރު: ރައީސް

ނިމިގެން މިދާ ފަސް އަހަރަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެންމެ ކުށް މަދު ފަސް އަހަރު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. ތުރާކުނަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގައި ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިފަސް އަހަަރަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ ކުށްމަދު ފަސް އަހަރުކަން އެނގޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ދެވަނަ ދައުރެއްގައި އިރާދަކުރެއްވިޔާ ކުރިއަށް އޮތް ފަސް އަހަރުގައި މި ޕަސަންޓޭޖް އަޅުގަނޑުމެން މިއަށް ވުރެ ދަށް ކުރާނަން" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތުރާކުނަކީ އާބާދީ އެހާ ބޮޑު ނޫން އަދި ތަންކޮޅެއް އެކަހެރިކޮށް އޮންނަ ރަށަކަށްވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް މާޒީގައި ކުރެވިފައި ނެތް ކަމަށެވެ. ތުރާކުނުގައި ތަރައްގީގެ މަޝްރޫއެއް މީގެ ކުރިން ހިންގާފައިވާނަމަ އެކަމެއް ކޮށްފައި އޮތީ ކޮންމެވެސް އަމިއްލަ މީހެއްގެ ދީލަތު އެހީތެރިކަމުގައި ކަމަށެވެ.

"ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ދީފައިވާ އޮތް ރަށެއް ނޫން ތުރާކުނަކީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ބާކީވެފައިވާ ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށީ ނިމިދިޔަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުކުރި "ޖަޒީރާ ރާއްޖޭ" މެނިފެސްޓޯގެ ދަށުން ކަމަށެވެ.

ތުރާކުނަށް މިވެރިކަމުގައި މަސައްކަތްތަކެއް ކޮށްދެވޭ ކަމުގެ މިސާލެެއް ރައީސް ދެއްކެވީ މިސަރުކާރުން އެރަށުގައި އެޅި ފުޓުބޯޅަ ދަނޑުންނެވެ. ރައީސް ސޯލިހް މިއަދު ވަނީ ތުރާކުނު ފުޓްބޯޅަ ދަނޑު ހުޅުވާދެއްވާފަ އެވެ.

މިސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށެއްް އާރްޓީއެލް ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާ، ހއ. އަތޮޅުގައި އެ ހިދުމަތް ފެށުމާއެކު ސިއްހީ ހިދުމަތް ހޯދުމަށް ތުރާކުނުގެ ރައްޔިތުން މީގެކުރިން ކުރަންޖެހުނު ބޮޑު ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްލެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. ތުރާކުނު ރައްޔިތުން މީގެ ކުރިން ސިއްހީ ހިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކޮށް އެނބުރި ރަށަށް އާދެވޭއިރު 5،000 ރުފިޔާ ހަރަދުވީ ނަމަވެސް މިހާރު އެކަމަށް ހަރަދުވާނީ 150 ރުފިޔާ ކަމުގައި ވިދާޅުވި އެވެ.

"މި ހިދުމަތާއި އެކީގައި މީގެ ކުރިން މި ރަށުގެ ރައްޔިތުން ކުޅުދުއްފުށްޓަށް ދިއްދޫއަށް ސިއްހީ ހިދުމަތް ހޯދުމަށް އެ ކުރި ދަތުރު އެތައް ގުނައަކުން އަގުހެޔޮ ވެގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.