ތުރާކުނު

ތުރާކުނު ރައްޔިތުންނަށް ވަނގާރު ދޭން ނިންމައިފި

ހއ. ތުރާކުނު ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަނގާރު، ތުރާކުނު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމަނައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް ތަރައްގީކުރަން 2016 ވަނަ އަހަރުގެ ތެރޭގައި ވަނގާރު އޮތީ 2.8 މިލިއަން ޑޮލަރަށް ބަޔަކަށް ދޫކޮށްލާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަނގާރުގައި ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުގެ ސިޔާސަތުގައި އޮތް ނަމަވެސް ތުރާކުނު ރައްޔިތުން އެދޭތީ އެރަށް އުލިގަމު ރައްޔިތުންނަށް ހަމަޖައްސައިދޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ތުރާކުނު ރައްޔިތުންނަށް ވަނގާރު ހަމަޖައްސައިދޭން ނިންމީ ތުރާކުނަށް ބިމުގެ މައްސަލަ ކުރިމަތިވެފައިވާތީ ތުރާކުނު ރައްޔިތުން ކުރަން ބޭނުންވާ ބައެއް މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"މީގެ ކުރީ ސަރުކާރުތަކުން ތުރާކުނު އޮތީ ބާކީކޮށްލާފައި، އެންމެ އަސާސީ ހިދުމަތްތައް ވެސް ނުލިބޭ." ރައީސް ވިދާޅުވި އެވެ.

ތުރާކުނުގެ ބިން ހިއްކުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާތީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް މާލަސްތަކެއް ނުވެ ހައްލު ލިބޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.