އެމްޑީޕީ

ކުށް މަދުކުރަން އެމްޑީޕީން އެކުލަވާލި ސިޔާސަތުތައް ހާމަކޮށްފި

Aug 17, 2023

ކުށް މަދުކުރުމަށް އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" ސިޔާސަތު ލޯންޗުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ހިމެނޭ "އަމާން މުޖުތަމައު" ސިޔާސަތުތައް ލޯންޗުކުރީ ރޭ އއ. އުކުޅަހުގައި ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ.

އަމާން މުޖުތަމައު ސިޔާސަތުގެ ތެރޭގައި ކުށުގެ ވެށިން ދުރުކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުން އަދި ކުށަށް ޒިންމާނެގުމާއެކު ފަރުވާ ހިމެނެ އެވެ.

ކުށުގެ ވެށިން ދުރުކުރުމަށް ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ގުޅުން ހުރި އިދާރާތައް އެކުލެވޭ އިންޓަ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލުން ހިމެނެ އެވެ.

މީގެ އިތުރުން ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާއި ޔޫތު ވަޔަލަންސް، ފައިނޭންޝަލް ކްރައިމްސް، އިންޓަނެޓް-ބޭސްޑް ކްރައިމްސް، ސްކޭމް ކޯލްސް ފަދަ ކުށްތަކަށް ހައްލު ހޯދުން ހިމެނެ އެވެ.

ކުށުގެ ވެށިން ދުރުކުރުމަށް ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެގަތުން ހިމެނެ އެވެ.

ކުށުގެ ވެއްޓަށް ފާރަވެރިވުން

  • ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރުން.
  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަވައިލަންސް ނިޒާމު ގާއިމުކުރުން
  • ޑްރަގް ޓްރެފިކިންގްއަށް ފާރަވެރިވުމަށް ޑްރޯން ބޭނުންކުރުން.
  • ގޭންގުތައް ހަރަކާތްތެރިވާގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރުން.

އެމްޑީޕީގެ އަމާން މުޖުތަމައު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކުށަށް ޒިންމާނެގުމާއެކު ފަރުވާގެ ވައުދުތަކުގެ ތެރޭގައި ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރުމާއި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ޖަލުތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ފުރިހަމަކުރުން ހިމެނެ އެވެ.