ހަބަރު

އެކަނިވެރި މައިންނަށް އެލަވަންސް ދޫކުރުން މިމަހު 10 އަކަށް އިތުރު ކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތުން އެކަނިވެރި މައިންނަށް އެލަވަސް ދޫކުރުމުގެ މުއްދަތު މިމަހު 10 އަކަށް އިތުރު ކޮށްފި އެވެ.

އެކަނިވެރި މައިން ގޮތުގައި އެންސްޕާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް މުލިޔާގެއިން 1000 ރުފިޔާގެ އިނާޔަތް ދޫކުރުމަށް އިއްޔެ ހެނދުނު ފެށި މަސައްކަތް ނިންމާ ގޮތަށް އޮތީ މިއަދު ހަވީރު 4:00 އަށެވެ.

އެހެން ނަމަވެސް މިއަދު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އެކަނިވެރި މައިން މިދުވަސްވަރު ކުރަން ޖެހޭ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 1000 ރުފިޔާގެ އިނާޔަތް އެންސްޕާގައި ރަޖިސްޓްރީ ކުރިވިފައި ހުރި ފަރާތްތަކަށް ދެމުންގެންދާ އިރު، ރަޖިސްޓްރީ ނުކޮށް ހުރިފަރާތްތަކުން ހަދާނެ ގޮތާ މެދު ސުވާލު އުފައްދާ ކަމަށެވެ.

"އެން ސްޕާގައި އެކަނިވެރި މައިންގޮތުގައު ރަޖިސްޓްރީ ނުވެ ހުރި ފަރާތްތަކަށް އަޅުގަނޑުމެން ދަންނަވާލަން އޮތީ މިމަހު 10 ގެ ކުރިން އެންސްޕާގައި ރަޖިސްޓަރ ވުމަށްފަހު 10 ވަނަ ދުވަހު ހެނދުނު 10:00 އިން ހަވީރު 3:00 އާ ދެމެދު "3346277" މި ހޮޓްލައިން ނަމްބަރަށް ގުޅުއްވާ ނަންނޯޓު ކުރުމުން އިނާޔަތް ލިބޭނެ،" މުއާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އެކަނިވެރި މައިންނަށް ދޭ އިނާޔަތް އަތޮޅުތަކުގައި އުޅޭ ފަރާތްތަކަށް ހޯދާނެ ގޮތަކާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދާތީ މުއާޒް ވިދާޅުވީ އެފަރާތްތަކަށްވެސް އެހީ ހޯދަން ބޭނުން ނަމަ މާލޭގައި އުޅުއްވާ މީހެއްލައްވާ އައިޑީ ކާޑު ކޮޕީ ހަވާލުކުރުމަށް ފަހު ހިފައިގެން އައުމުން އިނާޔަތް ދޫކުރެވޭނެ ކަމަށެވެ.

މުއާޒް ވިދާޅުވީ ގޮތުގައި ރައީސް އާއި މެޑަމް ފާތުމަތު އިބްރާހިމްގެ ފަރާތްޕުޅުން އިސްނަގާގެން ދެއްވަމުން ގެންދާ އިނާޔަތަކީ އެފަރާތުގެ އަމިއްލަފުޅު ހަރަދުގައި ދޭ އިނާޔަތެއް ކަމަށާއި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.