ވޭޕް މަނާކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީސް ކައިރިއަށް އާއްމުންގެ ބަޔަކު އެއްވެ މުޒާހަރާކޮށްފި އެވެ.
މުޒަހަރާ ކުރި މީހުން ވަނީ ސަރުކާރުގެ ކުއްލި ނިންމުމާ ގުޅިގެން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މުޒާހަރާ ކުރި މީހުން ވަނީ ވޭޕް އެތެރެކުރުމާއި ބޭނުން ކުރުމަކީ ޖިނާއީ ކުށަކަށް ނަހަދާ އެކަން ރެގިއުލޭޓް ކުރުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ވޭޕް މަނާ ކުރުމާ ދެކޮޅަށް އެއްވި މީހުން އެމީހުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ބޯޑުތަކުގައި ލިޔެގެންވެސް ގެންގުޅުނެވެ.
ދުންފަތް މަނާ ނުކޮށް ވޭޕް މަނާ ކުރަން ނިންމުމަކީ އާއްމުންގެ މެދުގައި ހިތްހަމަނުޖެހުން ބޮޑު މައްސަލަ އެކެވެ.
ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފަ އެވެ.