ރައްޔިތުންގެ މަޖިލިސް

ހޯކްސްއިން ސިންގިރޭޓް އެތެރެކުރި މައްސަލަ ބަލާ ކޮމިޓީ ސިއްރު

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ގާނޫނާ ގަވައިދާ ހިލާފަށް ގިނަ އަދަދެެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރި މައްސަަލަ ބެލުމަށް މިއަދު ކުރިއަށް ގެންދަން ނިންމާފައި އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީ ސިއްރުކޮށްފި އެވެ.

ހޯކްސްގެ ތެޔޮ ބޯޓެއްގައި ސިނގިރޭޓްތަކެއް ރާއްޖެ އެތެރެކުރި މައްސަލައާ ބެހޭ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. މި ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ތާއީދުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ބޭފުޅުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

ހޯކްސްގެ އެޖެންޓްކަމުގެ ދަށުން މިމަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބިގެން އެ ތަކެތި އަތުލައިގަތީ މިމަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.

ކަސްޓަމްއިން ބުނި ގޮތުގައި އެތަކެތި ރާއްޖެ އެތެރެކުރުމަށްފަހު ވަނީ އެ ކުންފުނީގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އެތަކެތި އަރުވާ، ކ. ތިލަފުށްޓަށް ގެންގޮސްފަ އެވެ. އަދި އެކުންފުނީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރަކަކަށް އެތަކެތި އަރުވައިގެން ތިލަފުށީގައި ހުންނަ ހޯކްސް ކުންފުނީގެ ބޯޓު ޔާޑަށް ގެންގޮސްފައިވެ އެވެ. އެއީ 25 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު އެވެ.

ބޯޓު ޔާޑުގައި އިތުރަށް ސިނގިރޭޓު ހުރި ކަމަށް ޝައްކު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކަސްޓަމްސް އިން ދަނީ ކުރަމުންނެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މިހާތަނަށް އެތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ.

މި މައްސަލައަކީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ ކަސްޓަމްސްއިން ވަނީ މައްސަލައިގެ ތަހުގީގެއް ފަށާފަ އެވެ.