ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ހުރި ގޮތް ދެނެގަތުމަށް ހައިޑްރޯގްރަފީ އެއްބަސްވުން އިންޑިއާ އާއި އެކު ދިވެހި ސަރުކާރުން ހަދާފައިވަނީ ރާއްޖޭގެ ކަނޑުގެ މައުލޫމާތުތައް ގައުމުތަކަށް ވިއްކައިގެން އިންޑިއާ އަށް މާލީ ބޮޑެތި ފައިދާތަކެއް ލިބޭ ގޮތަށް ކަން ހާމަވެއްޖެ އެވެ.
ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅޭ ހައިޑްރޯގްރަފީ އެއްބަސްވުމުގެ މުހިއްމު މައުލޫމާތުތައް ހާމަވީ އިންޑިއާ އާއި ދިވެހި ސަރުކާރުން ހަދާފައިވާ ސަލާމަތީ އެއްބަސްވުންތަކުގައި ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މިނިވަންކަމަށް އަސަރުކުރާ ގޮތަށް ހުރި އެއްބަސްވުންތައް ދެނެގަތުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގަ އެވެ.
ރޭގެ ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ސިފައިންގެ އިސްވެރިން ހާޒިރުކޮށްފައިވެ އެވެ. މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާކުރުމެވެ. ކޮމިޓީގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔައިރު އެއްބަސްވުމުގެ މައިގަނޑު ބައިތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާކުރި އެވެ. އަދި އޭގެފަހުން ކޮމިޓީ ސިއްރުކުރުމަށްފަހު މެންބަރުންނަށް ވަނީ އެއްބަސްވުން ދައްކާލާފަ އެވެ. މީގެއިތުރުން ޑޯނިއާ މަތިންދާ ބޯޓު އޮޮޕަރޭޓުކުރުމަށް އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ރޭގެ ބައްދަލުވުމުގައި މެންބަރުންނަށް ދައްކާލި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ހައިޑްރޯގްރަފީ އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެމަނިކުފާނު އިންޑިއާ އަށް ވަޑައިގެން އެކުލަވާލި ޑިފެންސް އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއް ކަމަށެވެ.
ކޮމިޓީގެ މެންބަރުންނަށް ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު އެވެ.
އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ހައިޑްރޯގްރަފީ އެއްބަސްވުމެއް ރާއްޖެ އަށް މުހިއްމު ވަނީ ރާއްޖޭގެ ސަރަހައްދުގެ 99.7 ޕަސަންޓަކީ ކަނޑު ކަމަށްވާތީ ކަނޑުގެ ސަރަހައްދު ދެނެގަތުމަށާއި، ނޫ އިގްތިސާދެއް ތަރައްގީކޮށް ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ހޯދުމަށާއި، ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ބަނދަރުކުރުން ފަސޭހަކޮށްދިނުމަށެވެ. މީގެއިތުރުން ކަނޑުތައް ތަޣައްޔަރުވާ މައްސަލަ ފަސޭހައިން ހައްލުކުރާނެ ގޮތްތައް ދެނެގަތުމާއި، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ގުޅިގެން ރާއްޖޭގެ އެންމެފަހުގެ ނެވިގޭޝަން ޗާޓުތަކާއި ނޯޓިކަލް ސާވިސްތައް ކަމާ ގުޅޭ ފަރާތްތަކަށް ހިއްސާކުރަންޖެހޭތީ އެފަދަ ގާބިލްކަމެއް ރާއްޖޭގައި ނެތުމަކީ ވެސް ހައިޑްރޯގްރަފީ އެއްބަސްވުމެއް މުހިއްމު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ހައިޑްރޯގްރަފީ އެއްބަސްވުމުގައި ހިމެނެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ހައިޑްރޯގްރަފީ ޗާޓު ހެދުމާއި، އެ ދާއިރާ އިން ދިވެހިން ތަމްރީން ކުރުމާއި، ހައިޑްރޯގްރަފީ އަށް ހާއްސަ އޮފީހެއް އެމްއެންޑީއެފްގައި ހެދުމާއި، ރާއްޖޭގެ މައިގަނޑު ބަނދަރުތަކުގެ ޗާޓްތައް ހެދުމެވެ. ކަމާ ގުޅޭ ސާވޭތަކުގެ ޑޭޓާ ބޭނުންކޮށްގެން ރާއްޖޭގެ ހައިޑްރޯގްރަފީ ޗާޓުތައް އުފެއްދުމަށް އިންޑިއާ އަށް ހުއްދަ ދީފައިވާ މި އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒު ކުރާނީ ދެ ގައުމު ބައިވެރިވެގެން ހަދާ ޖޮއިންޓް ކޮމިޓީއަކުން ދެ ގައުމުގެ ވެސް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފަސް އަހަރު ދުވަހަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަމަސް ކުރިން އެއްބަސްވުން ބާތިލްކުރަން އެއްވެސް ގައުމަކުން ބޭނުންވާ ކަމަށް ނާންގައިފިނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އާވާނެ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިންޑިއާ ސަރުކާރާ އެކު ހައިޑްރޯގްރަފީ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ދިވެހި ސަރުކާރުން މަސައްކަތް ކޮށްފައިވާ ގޮތުގެ މައުލޫމާތުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ހައިޑްރޯގްރަފީ އެއްބަސްވުމެއް އެކުލަވާލުމަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖާ އެކު އޮކްޓޫބަރު 15، 2015ގައި ބޭއްވި މޯލްޑިވްސް-އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ފަސްވަނަ ބައްދަލުވުމުގަ އެވެ.
އޭގެފަހުން ރައީސް ޔާމީން 2016 ވަނަ އަހަރުގެ އޭޕްރީލްގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައި އެ ގައުމާ އެކު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ. އެކަމަކު ސީދާ ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖޫން 8، 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އިންޑިއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިިނިސްޓަރު މާރިޔާ އެވެ.
އެއްބަސްވުމުގައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައުލޫމާތު ރާއްޖެއާއި އަދި އެހެން ގައުމުތަކަށް ވެސް ވިއްކައިގެން އިންޑިއާ އަށް މާލީ ބޮޑު ފައިދާއެއް ލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވުމެވެ. އެއްބަސްވުމުގައިވާ ގޮތުން އިންޑިއާ އިން އެކުލަވާލާ މައުލޫމާތުތައް ރާއްޖޭގައި ވިއްކާ ނަމަ ދިވެހި ސަރުކާރަށް 35 ޕަސަންޓްގެ ކޮމިޝަނެއް ލިބެ އެވެ. އިންޑިއާ އިން އެ މައުލޫމާތުތަކާއި ކަމާ ގުޅޭ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާނަމަ ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބެނީ އެންމެ 25 ޕަސަންޓެވެ.
ހައިޑްރޯގްރަފީ ސާވޭ ހެދުމަށްފަހު ލިބޭ މައުލޫމާތާއި ޗާޓުތައް ވިއްކަން ނިންމާފައިވާ އަގާ ގުޅޭގޮތުންނާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރި މައުދަންތަކާއި ދިރުންތަކުގެ މައުލޫމާތު އިންޑިއާއަށް ލިބޭނެތޯ ކޮމިޓީގައި ތިއްބެވި އިދިކޮޅު މެންބަރުން ސުވާލު ކުރެއްވި ނަމަވެސް އެ ސުވާލަށް އެއްވެސް ބޭފުޅަކު ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ހައިޑްރޯގްރަފީ ސާވޭ ކުރާނީ ދިވެހި ސަރުކާރުން ބޭނުންވާ ސަރަހައްދުތަކެއްގައި އެކަނި ކަމަށެވެ. ރާއްޖެއިން ހައިޑްރޯގްރަފީ އެއްބަސްވުމެއް ހެދި މިއީ ފުރަތަމަ ފަހަރު ނޫން ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން މީގެ ކުރިން އިނގިރޭސިވިލާތާ އެކު އެފަދަ އެއްބަސްވުމެއް ހެދި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ.
ކޮމިޓީން މީގެކުރިން ވަނީ ދިވެހި ސަރުކާރުން އިންޑިއާ އާއި އެކު ހަދާފައިވާ ޑިފެންސް އެކްޝަން ޕްލޭނާ އެ ޕްލޭންގެ ދަށުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ވެސް ހޯދާފަ އެވެ. އެ ބައްދަލުވުމަށްފަހު ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އުތުރު ތިލަފަޅު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރަައްކާވާ ކަހަލަ ކަމެއް ނެތް ކަމަަށް ވިދާޅުވެފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ހައިޑްރޯގްރަފީ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުމުގެ އިތުރަށް އުތުރު ތިލަފަޅު އެއްބަސްވުން މިސަރުކާރުން އަލުން އާކޮށްފައިވަނީ ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް އެއްބަސްވުންތަކުގައި އެތައް ކަމެއް ހިމަނައިގެންނެވެ.