ދުނިޔެ

ނިއު ޔޯކް ގަވަރުނަރު ކޫމޯ އިސްތިއުފާ ދެއްްވައިފި

ނިއު ޔޯކް ގަވަރުނަރު އެންޑްރޫ ކޫމޯ އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ 11 އަންހެނަކަށް ޖިންސީ ގޯނާކުރެއްވިކަން ސާބިތުވުމާ ގުޅިގެންނެވެ.

އެންޑްރޫ ކޫމޯ ހިލޭ އަންހެނުންނަށް ޖިންސީ ގޯނާކުރެއްވި ކަމަށް ބުނެ ވާހަކަ ދެކެވެން ފެށި ހިސާބުން ވެސް އޭނާ އެކަމަށް އިންކާރުކުރެއްވި އެވެ. އެހެން ނަމަވެސް ނިއު ޔޯކް އެޓާނީ ޖެނެރަލް ފަސްމަސް ދުވަސް ވަންދެން ކުރެއްވި މިނިވަން ތަހުގީގަކުން، ކޫމޯ އަށް ކުރެވުނު ތުހުމަތަކީ ހަގީގަތެއްކަން ވަނީ ކަށަވަރުވެފަ އެވެ.

އެޓާނީ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައި އޮތީ ގަދަރުވެރި މަގާމެއްގައި އެންޑްރޫ ކޫމޯ ހުންނަަވައި ދައުލަތް އިހާނެތި ކުރައްވައިފި ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރާ، އެއް އޮފީހެއް ހިއްސާކުރާ އެތައް ކަނބަލެއްގެ ހައްގުތައް ގަދަބާރުން ނިގުޅައިގެންފައިވާ ކަމަށެވެ. ކޫމޯގެ މިއަމަލަކީ އެމެރިކާ އަދި އެހެން ހުރިހާ ސްޓޭޓްތަކެއްގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ގަވަރުނަރު ކޫމޯ ކަނބަލުންނަށް ޖިންސީ ގޯނާކުރެއްވިކަން ހާމަވުމާ ގުޅިގެން އޭނާ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ޕްރެޝަރާ ކުރިމަތިވެ ވަޑައިގެންފަ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިންޑަށް ވެސް ވަނީ ކޫމޯ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފަ އެވެ. އެހެން ނަމަވެސް މާގާމު ދޫކޮށްލެއްވުމަކީ އިސްތިއުފާ ދެއްވުމާ ޖެހެންދެން ވެސް ކޫމޯ ކުރައްވަން ބޭނުންފުޅުވި ކަމެއް ނޫނެވެ.

ކޫމޯ އިސްތިއުފާ ދެއްވަން ބޭއްވި ނޫސް ކޮންފަރެންސްގައި ވެސް ވިދާޅުވީ ޒާތީ މުއާމަލާތްތަކުގައި ނުބައި ނިޔަތެއް ނެތް ކަމަށެވެ. އަދި އަންހެނުންނަށް ޖިންސީ ގޯނާކުރެއްވި ކަމަށް އޭނާ ތަކުރާރުކޮށް އިންކާރުކުރެއްވި އެވެ.

ކޫމޯ ވިދާޅުވީ އިސްތިއުފާ ދެއްވަނީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނާވާތީ ކަމަށެވެ. އެއީ އެޓާނީ ޖެނެލްގެ ރިޕޯޓާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅެއް ނުވެ އެވެ.

ކޫމޯ އިސްތިއުފާ ނުދެއްވި ނަމަ ޝަރުއީ ހަމަތަކުގެ މަތިން އޭނާ މަގާމުން ދުރުކުރާނެ ކަމަށް ވެސް އޮތީ އަންގާފަ އެވެ.