ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީސް ހިނގާ ގޮތް ބުނެދޭން ފޮތްތަކެއް ނެރެފި

Aug 12, 2021
2

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ މަސައްކަތްތައް ހިނގާ ގޮތް އާންމުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ކަމާ ގުޅޭ ފޮތްތަކެއް ނެރެފި އެވެ.

ޕީޖީ އޮފީހުން ލިޔުންތައް ތައްޔާރުކޮށްފައިވާ މި ފޮތްތަކަށް ހަަރަދުކޮށްފައިވަނީ ލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައިވާ އޮސްޓްރޭލިއާ ހައިކޮމިޝަނާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހުންނެވެ.

ޕީޖީ އޮފީހުން އިއްޔެ ނެރުނު ފޮތްބައި ޖުމްލަ ހަ ފޮތެއް ހިމަނާފައިވެ އެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ފޮތުގެ ޒަރީއާއިން މައުލޫމާތު ފެތުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށްވާތީ ފޮތްތައް ނެރުނީ ޕީޖީ އޮފީހުގެ މަސައްކަތް ހިނގާ ގޮތް ކިޔައިދިނުމަށާއި ޖިނާއީ އަދުލުގެ ނިޒާމު ހިނގާ ގޮތުގެ މަޢުލޫމާތު ދިނުމަށެވެ.

މި ފޮތްތަކުގެ ތެރޭގައި ހިމެނެނީ ކޯޓުގައި ހެކިބަސް އަދާކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭ ފޮތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ޕީޖީގެ ދައުރު ހިމެނޭ ފޮތަކާއި، ޖިންސީ އަނިޔާގެ ޝިކާރާއަކަށްވާ މީހުންނަށް ޕީޖި އޮފީހުން ފޯރުކޮށްދޭ އެހީތަކާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެކެވެ. މީގެއިތުރުން ހަބީރުންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނެ ގޮތުގެ ފޮތަކާއި، އިއުތިރާފްގެ އެއްބަސްވުމުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭ ފޮތެއްގެ އިތުރުން ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފްގެ އެއްބަސްވުމުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތުތައް ހިމެނޭ ފޮތެއް ވެސް ހިމެނެ އެވެ.