ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު ދަށަށް

ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނި، ބަލި ފެތުރެމުން ދާތީ މާލެ ފިޔަވާ ނުވަ ރަށެއް އަދިވެސް އޮތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ބަންދުގަ އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދުކުރާ ރަށްތައް ދޭތެރެއަކުން އިތުރުވި ނަމަވެސް އަނެއްކާވެސް ނަންބަރުތައް ވަނީ ދަށަށް ދާން ފަށައިފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ރ. ދުވާފަރެވެ. މެއި މަހުގެ 25 އިން ފެށިގެން އެ ރަށް ވަނީ ބަންދު ކޮށްފަ އެވެ.

މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ފަސް ރަށެއް އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. އެ ރަށްތަކަކީ ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވައް، ހއ. ތަކަންދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މިމަހު ބަންދުކޮށްފައި ވަނީ ތިން ރަށެކެވެ. އެއީ ލ. ފޮނަދޫ، އއ. ހިމަންދޫ އަދި ތ. ހިރިލަންދޫ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 116 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 78690 އަށް އަރާފަ އެވެ. އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 19 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 84 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 13 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.