ފައިޒާ

ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެމެރިކާއިން ހަދިޔާކުރި 128،600 ޑޯޒް ފައިޒާ ވެކްސިން ދޭނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި މާބަނޑު މީހުންނާއި ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ އަދި ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއީއެފްއައި ކޮމެޓީން ލަފާދީފައިވާ މީހުންނާއި ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެ މީހުން ކިޔަވަންދާ ގައުމުގައި ހަމައެކަނި ފައިޒާ ގަބޫލުކުރާނަމަ އެބަޔަކަށެވެ.

މީގެ ތެރޭގައި ހިމެނޭ މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ފައިޒާ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް އިހުތިޔާރު ކުރެވިދާނެ އެވެ. އަދި މާބަނޑު މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ މީހުން ޖަހާނީ ފައިޒާ ވެކްސިނެވެ.

އެޗްޕީއޭއިން ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭނީ ކޮން ކަހަލަ ބައްޔެއް ޖެހިފައިވާ ނުވަތަ ބައްޔަކަށް ފަަރުވާ ހޯދަމުންދާ މީހުންކަންވެސް ކަނޑައަޅާފައެވެ.

ދަރިވަރުންނަށް ވެކްސިން ދޭނީ ސުކޫލުތަކުގައި

އެޗްޕީއޭއިން ބުނީ 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސުކޫލުގައި އުޅޭ ކުދިން އަދި މިދިޔަ ދިރާސީ އަހަރު ގުރޭޑް 10 ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސުކޫލުތަކުގައި ކަމަށެވެ.

އަދި އެ އުމުރުގެ ސުކޫލު ދަރިވަރުންގެ ގޮތުގައި ނުހިމެނޭ ކުދިންނާއި މާބަނޑު މީހުން ފައިޒާ ވެކްސިން ޖެހުމަށް ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ އަންގާފައެވެ.

އޮގަސްޓް 15 ގައި މާލެ ސަރަހައްދުގައި ވެކްސިން ފަށާއިރު އާންމުންނަށް ހާއްސަ ވެކްސިން ސެންޓަރުތަކަކީ އިސްލާމީ މަރުކަޒާއި ހުޅުމާލެ ހޮސްޕިޓަލެވެ. އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު ނުވަޔަކުން ހަވީރު ހަތަރަކަށެވެ. ހުޅުމާލެ ހޮސްޕިޓަލްގައި މެންދުރު އެކަކުން ހަތަރަކަށެވެ.

މީގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރުން މެންދުރު އެކަކުން ހަވީރު ހަތަރަކަށް ވެކްސިން ޖަހައިދޭނެ އެވެ. ނަމަވެސް ވިލިމާލޭގައި ވެކްސިން ދޭން ފަށާނީ 16 ވަނަ ދުވަހުން ފެށިގެންނެވެ.