އެމްއެމްޕީއާރުސީގެ މައްސަލާގެ ދައުވާތައް ނުކުރެވެންވީ ސަބަބެއް އޮވެގެންް ނުވާނެ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.
އެ މެސެޖް ނަޝީދު ފޮނުއްވެވީ މަހުލޫފްގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ހައްދަވާފައިވާ ބޮޑެތި ގޯސްތަކެއް މިނިސްޓަރު މަހުލޫފް އާންމު ކުރެއްވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރެއް ވަޓްސްއަޕް ގުރޫޕްގައި ހިއްސާ ކުުރުމުންނެވެ. މަހުލޫފް ވަނީ އައްސަދާއި ޝިއުނާ އުޅުއްވަނީ ބޭރުފުށުން އިހްލާސްތެރި އަދި ނަޒާހަތްތެރި ބޭފުޅުން ކަމަށް ހެދިގެން ކަމަށް ވިދާޅުވެފައެވެ. އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ބައިވަރު ހެކި އަތްޕުޅުގައި ހުރި ކަމަށާއި އެ ބޭފުޅުންގެ "އިންޓެގްރިޓީ" ގެއްލޭނެފަދަ ޗެޓް ލޮގްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގެ ދައުވާތައް ނުކުރެވެންވީ ސަބަބެއް އޮވެގެންް ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އެކަނި ދައުވާކޮށްފައި ނިންމާލުމަކީ ވަރަށް ހުތުރު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ތުހުމަތުގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ މި މައްސަލަ އާއި ގުޅިގެން "ދައުލަތް އޮރިޔާން" ވެގެން ދާނެ އެތައް ވާހަކައެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ވިދާޅުވީ ރައީސް ޔާމީނަށް އެކަނި ދައުވާކޮށްފައި ނިންމާލުމަށްވުރެ ބޮޑަށް ދައުލަތް "އޮރިޔާން" ވާނެ ކަމެއް ނެތް ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގެ ދައުވާތައް ނުކުރެވެެންވީ ސަބަބެއް އޮވެގެން ނުވާނެ. ރައީސް ޔާމީންއަށް އެކަނި ދައުވާކޮށްފައި ނިންމާލުމަކީ ވަރަށް ހުތުރު ކަމެއް. އެޔަށްވުރެ ބޮޑަށް އޮރިޔާންވާނެ ކަމެއް ނެތްމުހައްމަދު ނަޝީދު | ކުރީގެ ރައީސް
މަހުލޫފްގެ މައްސަލާގައި ގޮތް ނުނިމި 70 ދުވަސް ހޭދަވެގެންދާއިރު މި މައްސަލާގައި ދައުލަތުން ވަނީ ބޮޑެތި ގޯސްތަކެއް ހަދާފައެވެ. މައްސަލަ ފުރިހަމަ ކުރަންވެސް އެތައް ފުރުސަތެއް ޕީޖީ ވަނީ ދެއްވާފައެވެ. ނަމަވެސް އޭސީސީ އާއި ރިޔާސީ ކޮމިޝަނަށް އަދިވެސް އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ގާނޫނާއި ހިލާފަށް ކޮށްފައިވާ އެތައް ކަމެއް މިހާރު ވަނީ ފެންމަތިވެފައެވެ. އަދި މި މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށްވެސް މިނިސްޓަރު މަހުލޫފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅޭ ކަމަށް ބުނާ ޗެޓުލޮގު ތަކެއްގެ ފޮރެންސިކް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކް އާއި ސީދާ ޕީޖީގެ ފަރާތުން ގުޅައިގެން ހެކިބަސް ދޭން އެދުމުންވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ޕީޖީ އަށް ފަރަޑޭ ފޮރެންސިކް އިން ވަނީ ޕީޖީއަށް އަންގާފައެވެ. އެފޯނަކީ އެތައް ބައެއްގެ އަތްމައްޗައް އަރާފައިވާ އަދި އެޗެޓްލޮގްތައް މިހާރުވެސް ރަށުތެރޭގައި ގެންގުޅޭ މެސެޖުތަކެކެވެ. އަދި އެމެސެޖުތަކުގެ ތެރޭގައިވެސް ސީދާ މިނިސްޓަރު މަހްލޫފް ދައްކަވާފައިހުރި ކަމަށް ބުނާ ވާހަކައެއްވެސް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެއިން ބޭރުން ހެކިހޯދަން ގާނޫނުގައި އޮންނަނީ ފުރަތަމަ ތަހުގީގު އިދާރާއިން ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހަށް ލިޔެގެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރު ގައުމުގެ ކަމާ ބެހޭ އިދާރާތަކަށް ލިޔެގެން އެގައުމުގެ ގާނޫނުތަކާއި އެއްގޮތައް ހެކިބަސް ހޯދުމުގެ ކަންތައް ހަމަޖެއްސުމަށެވެ.
ނަމަވެސް މަހްލޫފްގެ މައްސަލައިގައި ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ވަނީ ލަންކާގައި ހުންނަ ދިވެހި އެންބަސީ އަށް ސީދާ ގުޅައިގެން ލަންކާ ރައްޔިތަކާ ސީދާ އެމްބެސެޑަރު އެތައް ފަހަރަކު ފޯނުކޮށް ލޯޔަރެއްގެ ފުރުސަތުވެސް ނުދީ އޭނަލައްވާ އެންބެސެޑަރު ބޭނުންވާ ގޮތަށް ހެކިބަސްނަގާފައެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އިން ހެކިބަސްނަގަން ގުޅި ތަހުގީގު ވީޑިއޯކޯލްގައިވެސް އެމްބެސެޑަރު ފެނެއެވެ. އަދި ލަންކާ ހެކިވެރިޔާ ދިން ބަޔާން ޕްރިންޓްކޮށް އޭނަލައްވާ ސޮއެކުރުވީ ވެސް ރާއްޖެ އެންބަސީގައި އެންބެސިޑަރެވެ. ފޮރިންމިނިސްޓްރީ އަށްވެސް ނާންގާ މިކަން ކޮށްފައިވާތީ ދާދިފަހުން ސަފީރު ރައްޒާގު ވަނީ ރާއްޖެ ގެނެސް ފޮރިން މިނިސްޓްރީ އިން ތަހުގީގެއްވެސް ފަށާފައެވެ. މިއީ ލަންކާގެ ގާނޫނުތަކާ ވެސް މުޅިން ހިލާފުކަމެކެވެ. ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުގެ ހުއްދަނުނަގާ އެއްވެސް ބޭރުގެ އެންބަސީއަކުން ލަންކާ ރައްޔިތަކާ ސުވާލެއް ނުކުރެވޭނެއެވެ. މިމައްސަލަ ލަންކާގެ ކަމާ ބެހޭ ފަރާތަކުންވެސް ދަނީ ބަލަމުންނެވެ.