ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖްގެ އެއްބަސްވުމުގައި މިމަހު ސޮއިކުރަނީ

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖްގެ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖް މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭގޮތުން އަވަސް އިން މިއަދު ސުވާލުކުރުމުން އަކްރަމް ވިދާޅުވީ މިހާރު ކުރާ މަސައްކަތަކީ ބިޑްގައިވާ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެ ކަމަށާއި ބްރިޖްގެ އެއްބަސްވުމުގައި މި މަހު ސޮއި ކުރާނެ ކަމަށެވެ.

ބްރިޖުގެ އަމަލީ މަސައްކަތް ފެށުމާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ ޝެޑިއުލްގައިވާ ގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ފަހުން މީޑިއާ އަށް އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް އޮފީހުގައި މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ބްރިޖްގެ މަސައްކަތާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ އެ މަޝްރޫއު ވަނީ ބިޑްކޮށް، ބަޔަކަށް އެވޯޑްކޮށް، އެގްރިމެންޓްގައި ސޮއި ކުރުމުގެ މަރުހަލާގައި ކަމަށެވެ. ބްރިޖު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބިޑް ޑޮކިއުމެންޓާ ގުޅޭ މަޝްވަރާތަކެއް ކުރަން އެބައޮތް ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ 2023 ވަނަ އަހަރުގައި ބްރިޖްގެ މަސައްކަތުގެ ބޮޑުބައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ތިލަފުށްޓާއި ގުޅުވާ ނުލެވޭނެ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެން ދޮޅު އަހަރު ގެއްލުމުން ވީކަމެއްގެ ގޮތުގައި ވިދާޅުވި އެވެ. ބްރިޖްގެ ނިމޭ ބައި 2023 ވަނަ އަހަރު ހުޅާވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ފިގްރޯ ކުންފުނިން 15 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.