ޕީއެސްޖީ

ޕީއެސްޖީގެ މޮޅާއި އެކު އާކުޅުންތެރިން ދައްކާލައިފި

ސްޓްރަސްބާގާއި ވާދަކުރި މެޗުން މޮޅުވެ ޕީއެސްޖީ ލީގުގެ އެއްވަނައަށް އަރައިފި އެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކަމިޔާބު ކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.

ކުޅުނު ދެމެޗުން މޮޅުވެ ޕީއެސްޖީ ގްރޫޕްގެ އެއްވަނަ އަށް އަރާފައިވާއިރު، ސްޓްރަސްބާގް ގްރޫޕްގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. މަތިމަތިން އައި ހުރަހެއް ބޮލުން ޖަހައި ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ މައުރޯ އިކާޑީ އެވެ. މެޗުގެ ތިންވަނަ މިނެޓުގައި އިކާޑީ ކާމިޔާބު ކޮށްދިން ލަނޑާއި އެކުވެސް ޓީމުން މަސައްކަތް ކުރީ އިތުރު ގޯލު ތަކެއް ޖަހައި ލީޑު ފުޅާ ކުރުމަށެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން ތަރި އެމްބާޕޭ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އިދިކޮޅު ޑިފެންޑަރެއް ގައިގައި ބޯޅަ ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ. އޭގެ ދެ މިނެޓު ފަހުން ހޫލިއަން ޑްރެކްސްލާ ކާމިޔާބު ކުރި ލަނޑަކީ ކީޕަރުގެ ބޯމަތިން އެމްބާޕޭ ނަގައިދިން ހުރަހަކުން ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ސްޓްރަސްބާގުން ވަނީ ކުޅުން ރަނގަޅުކޮށް ދެގޯލު ޖަހާފަ އެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރެއް ނުވަނީސް ސްޓްރަސްބާގަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ކެވިން ގަމޭރޯ އެވެ. ގަމޭރޯގެ މި ގޯލަކީ މަތިމަތިން އައި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔަބު ކުރި ލަނޑެކެވެ. ސްޓްރަސްބާގްގެ ދެވަނަ ގޯލަކީވެސް މަތިން އައި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. މި ލަނޑު ޖަހައިދިނީ ލުޑޯވިޗް އެވެ.

ސްޓްރަސްބާގުން ފަރަގު ކުޑަ ކުރުމާއި އެކު ޕީއެސްޖީން ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މި ގޯލަކީ އެމްބާޕޭ ދިން ކަޓް ޕާހަކުން ސަރާވިއާ ކާމިޔާބު ކޮށްދިން ގޯލެކެވެ.

މި މެޗު ފެށުމުގެ ކުރިން ޕީއެސްޖީން ވަނީ އެޓީމާއި އަލަށް ގުޅުނު ފަސް ކުޅުންތެރިން ދައްކާލާފަ އެވެ. ޕީއެސްޖީ އާއި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން އަޝްރަފް ހަކީމީ އެޓީމަށް ސޮއި ކުރީ 60 މިލިއަން ޔޫރޯ އަށެވެ. މެސީ، ރާމޯސް، ވައިނާލްޑްމަން އަދި ޑޮނަރޫމާ ޕީއެސްޖީ އާއި ގުޅުނީ ފްރީ ޓްރާންސްފާއެއްގަ އެވެ.